ދުނިޔޭގެ ވިޔަފާރި

20 އަހަރަށްފަހު ބާގާ ކިންގް ރީބްރޭންޑްކޮށްފި


20 އަހަރަށްފަހު ބާގާ ކިންގް ރިބްރޭންޑްކޮށްފިއެވެ.

ބާގާ ކިންގްއިން ވަނީ އެކުންފުނީގެ ލޯގޯއަށާއި، ފުޑް ޕެކިން އަދި ކައެއްޗެހީގެ މެނޫއަށް ބަދަލުތަކެއް ގެނެސްފައެވެ.

ބާގާ ކިންގްގެ ރިބްރޭންޑިންއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ ގްލޯބަލް ޗީފް މާކެޓިންގ އޮފިސަރ އޮފް ރެސްޓޯރެންޓް ބްރޭންޑްސް އިންޓަނޭޝަނަލް ފެނާންޑޯ މަޗާޑޯ ވަނީ އައު ބަދަލާއެކު ބާގާ ކިންގް އުފެއްދުންތަކުގެ ކޮލިޓީ ވަރަށް ރަނގަޅުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

މިހާރުގެ ސިއްޙީ ހާލަތައް ބަލާ ބާގާ ކިންގްގެ ހުރިހާ އުފެއްދުމެއް ދެން ސަރވްކުރާނީ ރެޕިންއާއެކު ކަމަށް ފެނާންޑޯ މަޗާޑޯ ވިދާޅުވިއެވެ. މީގެ ކުރިން މިގޮތަށް ސަރވްކުރީ ބާގާ ކިންގްގެ ބާގާ އެކަންޏެވެ. މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލަށް ބަލާ ބާގާ ކިންގްގެ މެނޫއަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ޕްލާންޓް ބޭސްޑް މީޓް އަލްޓަނޭޓިވް ލައިން ނުވަތަ ގަސްގަހާގެހީގެ އެކި ބައިތައް ހިމަނައިގެން ބާގާގެ މަސްގަނޑު ތައްޔާރުކުރާ ޕްލާންޓްއެއް ޤާއިމުކޮށް ޚިދުމަތް ދިނުމަށް ވަނީ ތައްޔާރުވެފައެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި މިހާރުގެ ޓްރެންޑަށް ބެލުމަށްފަހު ބާގާ ކިންގުން ނިންމި މި ނިންމުމުގެ ސަބަބުން ޖަނަވާރުގެ މަހުން އުފައްދާ މީޓްގެ ބަދަލުގައި، ވެރައިޓީތައް އިތުރުވެ ތިމާވެއްޓަށްކުރާ ގެއްލުން ކުޑަވާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މީގެ އިތުރުން ބާގާ ކިންގްގެ އުފެއްދުންތަކުގައި ޕްރިޒަވޭޓިވްސް ބޭނުން ނުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ބާގާ ކިންގްގެ ލޯގޯއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރީގެ ލޯގޯގެ ވަށައިގެން އިން ނޫކުލައިގެ ލައިން އެއްކޮށް ދުއްވާލާފައިވާއިރު، މީގެ ކުރިން ބާގާގައި ހުރި ކުލަތަކުގެ ކުލަ ވަނީ ގަދަކޮށްފައެވެ. އެގޮތުން މިހާރު ލޯގޯގައި ވަނީ އޮރެންޖް ކުލައާއި ރަތްކުލައިގެ ގަދަ ޝޭޑްތަކެއް ބޭނުންކޮށްފައެވެ. ބާގާ ކިންގްއިން ވަނީ އެ ކުންފުނިން ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް، އެ ކުންފުނިން ޕްލާސްޓިކް މެސްކޮޓް ދެން ނުގެންގުޅެންވެސް ނިންމާފައެވެ.