ދުނިޔޭގެ ވިޔަފާރި

ބެޒޮސް ފަހަތަށް ޖައްސާލުމަށްފަހު، އިލޯން މަސްކް ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް


އެމެޒޯންގެ ފައުންޑަރ ފަހަތަށް ޖައްސާލައި، އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައުންޑަރ އެލަން މަސްކް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ހޯދައިފިއެވެ.

އެލަން މަސްކްގެ މުއްސަނދިކަން އިތުރުވެފައި މިވަނީ މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައިދާ ރިކޯޑް މިންވަރަކަށް އިތުރުވުމާއި ގުޅިގެންނެވެ.

ބްލޫމްބަރގްއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އައު އަހަރުގެ ވިޔަފާރިއަށް އައި ކުރިއެރުމާއެކު ޓެސްލާގެ ވިޔަފާރި ވަނީ 5 އިންސައްތަ ކުރިއަރާފައެވެ. މިއާއެކު ޓެސްލާގެ ފައުންޑަރ އަދި ސީއީއޯގެ އެލަން މަސްކްގެ މިލްކިއްޔާތަށް 9.3 ބިލިއަނުން އިތުރުވެ، އޭނާގެ މިލްކިއްޔާތު ވަނީ 190 ބިލިއަން ޑޮލަރަށް އަރާފައެވެ.

އައު އަހަރުގެ ވިޔަފާރީގެ ކުރިއެރުން ޖެފް ބެޒޮސްގެ ވިޔަފާރިއަށްވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް، އެމެޒޯންގެ ވިޔަފާރި ކުރިއަރާފައިވަނީ 2 އިންސައްތައިންނެވެ. މިއާއެކު ޖެފް ބެޒޮސްގެ މިލްކިއްޔާތު މިހާރު ވަނީ 187 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އެލަން މަސްކްގެ މިލްކިއްޔާތާއި އަޅާބަލާއިރު 3 ބިލިއަން ޑޮލަރު މަދު އަދަދެކެވެ. ދުނިޔޭގެ އިޤްތިޞާދު ދިރާސާކުރާ ބްލޫމްބަރގްއިން ވަނީ އެމެޒޯންގެ ފައުންޑަރ ފަހަތަށް ޖައްސާލައި، އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައުންޑަރ އެލަން މަސްކް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ހޯދާފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

2017 ވަނަ އަހަރު ބިލްގޭޓްސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާ ޖެފް ބެޒޮސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ވަނީ ހޯދާފައެވެ. އެހެންކަމުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމަށް ބަދަލު މިއައީ 3 އަހަރަށްވުރެ ގިނަ ދުވަހަށް ފަހުއެވެ. ބްލޫމްބާރގްއިން ވަނީ ދުނިޔޭގެ 3 ވަނަ އަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި އަދިވެސް އޮތީ މައިކްރޮސޮފްޓްގެ ކޯފައުންޑަރ ބިލްގޭޓްސްކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގައި 132 ބިލިއަން ޑޮލަރު އެބަހުރިކަމަށް ބްލޫމްބާރގްއިން ހާމަކުރެއެވެ.

ބިލްގޭޓްސްއަކީ އެހީބޭނުންވެފައިވާ މީހުންނަށް ޗެރިޓީއަށް ބޮޑު ޚަރަދެއް ކުރާ ފަރާތެއްކަމުން އޭނާގެ އާމްދަނީ އިތުރުވުން ދަށްވެފައިވާކަމަށް ބްލޫމްބާގްއިން މަޢުލޫމާތުދެއެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން ބިލްގޭޓްސް ވަނީ 27 ބިލިއަން ޑޮލަރު ޗެރިޓީއަށް ދީފައެވެ.

ބްލޫމްބަރގްއިން ދުނިޔޭގެ އެންމެ މުއްސަނދިމިހާއަކީ މަސްކްކަން އިއުލާންކުރިޔަސް، ފޯބްސްގެ ލިސްޓަށް މިހާތަނަށް އައިރު ބަދަލެއް ގެނެސްފައެއް ނުވެއެވެ.