ޚަބަރު

ބިއްލޫރި ޕްލެޓެއް ވެއްޓި ތާށިވި މީހަކު ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގައި ބިއްލޫރި ޕްލެޓެއް ވެއްޓި ތާށިވި މީހަކު ސަލާމަތްކުރުމުުގެ މަސައްކަތް ފަށައިފިއެވެ.

މި ޙާދިސާއާއި ގުޅިގެން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 7:45 ހާއިރުކަމަށެވެ.

މި ޙާދިސާގައި އެ މީހާ ތާށިވެފައިވަނީ ކޮންޓައިނަރެއްގެ ތެރޭގައި ހުރި ބިއްލޫރި ޕްލެޓެއް އަރިއަޅާލުމުގެ ސަބަބުންކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. އަދި އޭނާ އަދިވެސް އިނީ ތާށިވެފައިކަމަށާއި، ކޮންޓޭނަރުގެ ބޭރުން ކަފާލައިގެން ފަޔަރ ޓީމުން އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމް.އެން.ޑީ.އެފުން ހާމަކުރައްވައެވެ.

މިކަމާގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ަމި ޙާދިސާގައި އަނިޔާވި އިތުރު މީހަކަށް އައި.ޖީ.އެމް.އެޗުގައި މިހާރު ފަރުވާދޭން ފަށާފައިވާކަމަށެވެ. އަދި ބިއްލޫރި ޕްލެޓު އަރިއަޅާލުމުގެ ސަބަބުން ތާށިވި މީހާ ސަލާމަތްކުރުމަށްޓަކާ ފުލުހުންނާއި، ފަޔަރ ޓީމުންނާއި ޕެރެމެޑިކުންގެ ޓީމުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުންވެސް ވަނީ ހާމަކުރައްވާފައެވެ.