ދުނިޔެ

ޤަވާއިދާ ޚިލާފަށް ބޯޑަރ ހުރަސްކުރާ ބޯޓުތަކަށް ތުރުކީން ހަމަލާދޭނެ


ތުރުކީގެ ވައިގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް އެތެރެވާ މަތިންދާ ބޯޓުތައް ވައްޓާލުމަށް އެއްވެސް ގޮތަކަށް ފަސްނުޖެހޭނެ ކަމަށް ތުރުކީގެ ބޮޑުވަޒީރު އަހްމެތް ދަވޮތްލޫ ވިދާޅުވެއްޖެ އެވެ. ދަވޮތްލޫ މިމޭރުމުން ވިދާޅުވީ އިއްޔެ ސޫރިޔާ އާއި އިންވެގެންވާ ބޯޑަރު ސަރަހައްދުގެ މަތިން ޑްރޯނެއް ވައްޓާލުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ތުރުކީ އިން ވަނީ ރަޝިޔާއިން އެގައުމުގެ ވައިގެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް އެތެރެވެފައިވާ ކަމަށް ބުނެ، އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި، އިއްޔެ ވައްޓާލި ޑްރޯނަށްފަހު، ތުރުކީ އިން ސޫރިޔާގެ މައްސަލައިގައި އަސްކަރީ ހަމަލާތަކެއް ފެށުން އެކަށީގެންވާ ކަމަށް ގިނަ އެނަލިސްޓުން ވަނީ ބުނެފަ އެވެ. ދަވޮތްލޫ ވިދާޅުވީ އިއްޔެ ވައްޓާލީ ޑްރޯނެއް ކަމަށާއި ތުރުކީގެ ވައިގެ ސަރަހައްދަށް މަތިންދާބޯޓެއް ގަވާއިދާއިހިލާފަށް އެތެރެވެއްޖެ ނަމަ، އެކަމަށް ތުރުކީ އިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، ތުރުކީ އަކީ މިނިވަން ގައުމެއް ކަމަށާއި ތުރުކީގެ ބޯޑަރުތަކަށް އަންނަ ކޮންމެ ހަމަލާއަކީ ތުރުކީގެ މިނިވަންކަމަށް ދެވޭ ހަމަލާއެއް ކަމަށް ދަވޮތްލޫ ވިދާޅުވި އެވެ. އަދި އެ ޤައުމުން ވައްޓާލި ޑްރޯން އާއި ގުޅޭ ތަހުގީގް ކުރިއަށްދާ ކަމަށްވެސް ދަވޮތްލޫ ވިދާޅުވިއެވެ.ތުރުކީގެ އަސްކަރިއްޔާ އިން ބުނީ ޑްރޯން ވައްޓާލުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އިންޒާރުދިން ކަމަށާއި، ޑްރޯން ވައްޓާލީ ތުރުކީގެ ވައިގެ ސަރަހައްދުން 3 ކިލޯމީޓަރު އެތެރެވުމުން ކަމަށެވެ. މި ޑްރޯންއަކީ ރަޝިޔާގެ ޑްރޯނެއް ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލެއް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ރަޝިޔާއިން ވަނީ އެގައުމުގެ އެއްވެސް ޑްރޯނެއް ވެއްޓިފައިނުވާ ކަމަށާއި ހުރިހާ ޑްރޯންތަކެއްވެސް އޮޕަރޭޓް ކުރަމުންދާ ކަމަށް ބުނެފަ އެވެ.