ތަޢުލީމު

އޯލެވެލްއާއި އޭލެވެލް އިމްތިޙާނު، ތާވަލާ އެއްގޮތަށް ކުރިއަށްދާނެ - އެޑިއުކޭޝަން މިނިސްޓްރީ


މިއަހަރުގެ މެއި، ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލްގެ އިމްތިޙާނުތައް ތާވަލްކޮށްފައިވާގޮތަށް ރާއްޖޭގައި ކުރިޔަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިކަން ހާމަކުރައްވާފައި މިވަނީ ޖީ.ސީ.އެސް.އީއާއި އޭލެވެލް އިމްތިހާން އިނގިރޭސިވިލާތުގައި މިއަހަރު ނުބޭއްވުމަށް އެޤައުމުން އިޢުލާންކޮށްފައި ވަނިކޮށެވެ. މިއަހަރު އޯލެވެލް އަދި އޭލެވްލް އިމްތިޙާން އިނގިރޭސިވިލާތުގައި ނުބޭއްވުމަށް އެޤައުމުން ނިންމާފައިވަނީ ކޯވިޑް-19ގެ ޙާލަތު އެޤައުމުގައި އިތުރަށް ގޯސްވެ، ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް މުޅިޤައުމު ފުރަބަންދުކޮށްފައި ވާތީއެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބާއްވަން އުޅުނު ޖީސީއެސްއީއާއި އޭލެވެލް އިމްތިޙާން އިނގިރޭސިވިލާތުން ކެންސަލްކުރުމާއެކު، ރާއްޖެއިން ވަނީ އެ ދެ އިމްތިޙާނު މިއަހަރުގެ މެއި، ޖޫންއަށް ފަސްކޮށްފައެވެ. އޯލެވެލް އިމްތިޙާން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހުއެވެ. އޭޕްރީން 14ވަނަ ދުވަހާއި 15ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓް އެންޑް ޑިޒައިންގެ ޓެސްޓެވެ.

ޢާއްމުގޮތެއްގައި އޯލެވެލް އިމްތިޙާން ފަށަނީ އެޗްއެސްސީ އިމްތިހާނަސްފަހުއެވެ. އެހެންނަމަވެސް މިއަހަރު އެޗްއެސްސީ އިމްތިހާނުގެ އިސްލާމް މާއްދާގެ ޓެސްޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 1ވަނަ ދުވަހުއެވެ. އެގޮތުން އިސްލާމް ޕޭޕަރު އެކެއް އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕޭޕަރު 2 ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 2ވަނަ ދުވަހުގައެވެ. ދިވެހި މާއްދާގެ ޕޭޕަރު އެކެއް މެއި މަހުގެ 5ވަނަ ދުވަހު އަދި ޕޭޕަރު 2 މެއިމަހުގެ 6 ވަނަ ދުވަހު އޮންނާނެއެވެ. ދިވެހިި އިސްލާމް މާއްދާ ލަސްކޮށްފައިވަނީ ދަރިވަރުންނާއި މުދައްރިސުންގެ އިތުރަށް ބެލެނިވެރިންގެ އެދުމުގެ މަތިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ބަޔޮލަޖީ ޓެސްޓާއެކު އޯލްވެލް އިމްތިހާނުގެ ފަހު ޓެސްޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 11ވަނަ ދުވަހުގައެވެ. އޭ ލެވެލް އިމްތިހާނު ކުރިއަށްދާނީ މިއަހަރުގެ މެއިމަހުގެ 5އިން ފެށިގެން ޖޫންމަހުގެ ނިޔަލަށެވެ. އަދި އެޗް.އެސް.ސީ އިމްތިހާނުގެ ދިވެހި އިސްލާމް ޓެސްޓް ކުރިއަށްދާނީ ޖޫން 27އިން 29 އަށެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދެވަނަ ސެމިސްޓަަރގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޖޫން 24 ގައެވެ. އަދި 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިއަހަރުގެ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ސްކޫލްތަކަށް ދަރިވަރުން ނެރެގެން އަލުން ކިޔަވައިދޭން ފަށާއިރު ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަނޑައަޅާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަލުން ސްކޫލް ހުޅުވާއިރު ހަފްތާގެ ފަސްދުވަހު ސްކޫލްތަކުގައި ކިޔަވާދޭނެއެވެ. އަދި ސްކޫލްތަކުގައި ކިޔަވާދޭނީ އެންމެ ގިނަވަގެން 5 ގަޑިއިރަށެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކޮންމެ ދުވަހަކުވެސް ކިޔަވާދޭން ޖެހޭނީ 2 ގަޑިއިރަށްވުރެ މަދު ނުވާ ގޮތަށެވެ. އަދި ބޭބީ ނާސަރީއާއި ނާސަރީގެ ކިޔެވުން ގެންދާނެ ގޮތަށް އެ ސްކޫލަކުން ކަނޑައަޅަންޖެހެއެވެ.