ދުނިޔޭގެ ވިޔަފާރި

މި ޑްރޯންގެ ސަަބަބުން 3 ދުވަސް ހޭދަވާ ވެކްސިން ޑެލިވަރީތައް މަދު މިނެޓްކޮޅަކަށް އަވަސްވެގެންދާނެ!

މަތިންދާ ބޯޓެހެން އުދުހޭ އަދި ހެލިކޮޕްޓަރެއްހެން މަތީގައި އޮވެވޭ ޑްރޯންއެއް އުފައްދައިފިއެވެ.

ޒަމާނީ ޑްރޯން އުފެއްދުމުގައި މަޝްހޫރު ކުންފުނި ވިންގްކޮޕްޓަރއިން މި ޑްރޯން ވޯލްޑް އިކޮނޮމިކް ފޯރަމްގައި އާންމުކޮށް ވަނީ ދައްކާލާފައެވެ.

ވިންގްކޮޕްޓަރގެ ޑްރޯންއާ ބެހޭގޮތުން ވާހަކަދައްކަމުން ވިންގްކޮޕްޓަރގެ އޮފިޝަލަކު ވަނީ، މި ޑްރޯންއަކީ ވިޔަފާރިއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ އުފެއްދުމެއްކަމަށް ސިފަކޮށްފައެވެ. މި ޑްރޯންއަށް އެންމެ ފުރަތަމަ ބަލާލުމުން އެހެން ޑްރޯންތަކާއި މާ ބޮޑު ތަފާތެއް ނެތަސް މި ޑްރޯން އުދުހި ގަންނަ ހިސާބުން ޑްރޯންގެ ތަފާތު ފެނިގެންދާނެކަމަށް އެ އޮފިޝަލް ބުންޏެވެ.

ދެ މޯޑެއްގައި އުދުއްސާލެވޭ މި ޑްރޯން ހެލިކޮޕްޓަރެއްހެން ހަތަރު ބުރަފަތީގައި މަތީގައި އޮވެވޭއިރު، މަތިންދާ ބޯޓެހެން އުދުއްސައިގަތުމަށް 5 ވަރަކަށް މިނެޓްގެ ތެރޭގައި ސެޓަޕް ބަދަލުކޮށްލެވޭނެއެވެ. އެގޮތުން މަތިންދާ ބޯޓުގެ ދެ ފިޔަގަނޑު ފަދަ ދެ ފިޔަ ގަނޑު ލައްވާލުމުން ހަތަރު ބުރަފަތީގެ ތެރެއިން ފަހުތުގައިވާ ދެ ބުރަފަތި ދައުރުކުރުން ހުއްޓާލައެވެ. މިއާއެކު މަތިންދާ ބޯޓެއް ފަދައިން ބާރު ސްޕީޑްގައި މި ޑްރޯންއަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންދެއެވެ.

ތަފާތު އެކި ސާމާނު ޑެލިވަރ ކުރަން ބޭނުންކުރެވޭ މި ޑްރޯންއަށް ބެޓެރި ބަދަލުނުކޮށް 120 ކިލޯ މީޓަރުގެ ދިގު ރާސްތާއެއް ކަޑައްތުކުރެވޭނެއެވެ. އަދި މަތިންދާ ބޯޓެއްހެން އުދުހުމުގެ ޤާބިލްކަން ލިބުމުން މި ޑްރޯންއަކީ ދުނިޔޭގައި މިހާރު އެންމެ ބަރަށް ދަތުރުކުރެވޭ ޑްރޯންއަށް ވަނީ ވެފައެވެ. އެގޮތުން މި ޑްރޯންއަށް ގަޑިއަކު 240 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރުކުރެވޭނެއެވެ.

ވިންގްކޮޕްޓަރއިން ވަނީ މި ޑްރޯންގެ އަޖުމަ ބެލުމަށް ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އދގެ ޖަމިއްޔާ ޔުނިސެފްއާއެކު ވެކްސިންޑް ޑެލިވަރީގެ ޙާއްސަ އޮޕަރޭޝަންއެއް ފަށާފައެވެ. މި އޮޕަރޭޝަންގައި ވިންގްކޮޕްޓަރގެ ޑްރޯންގެ އެހީގައި ޖަޒީރާ ޤައުމެއްކަމުގައިވާ ވަނުއާޓޫއަށް ޔުނިސެފްގެ ވެކްސިންތަކެއް ކާމިޔާބުކަމާއެކު ވަނީ ފޮނުވާފައެވެ. އާންމުގޮތެއްގައި މިފަދަ ކަމަކަށް 3 ދުވަސްނެގިޔަސް، ޑްރޯން ބޭނުންކުރުމުގެ ސަބަބުން ޑެލިވަރީ އޮޕަރޭޝަން ވަނީ 20 މިނެޓްގެ ތެރޭގައި ފުރިހަމަކޮށްފައެވެ.

ވިންގްކޮޕްޓަރއިން ތަރައްޤީކުރި ޑްރޯންގެ ކާމިޔާބީއާއެކު އެކުންފުނިން މިހާރު ދަނީ އެމެރިކާގެ ޑެލިވަރީ ފަރމް ޔޫޕީއެސްއާއެކު މިފަދަ ޑްރޯންތައް ފުޅާ ދާއިރާއެއްގައި އުފެއްދުމަށް ތައްޔާރުވަމުންނެވެ.