ދުނިޔޭގެ ވިޔަފާރި

2020 : އީލޯން މަސްކްއާއި ޖެފް ބެޒޯސްގެ މުއްސަނދިކަން ރެކޯޑް އަދަދަކަށް އިތުރުވި


2020 ވަނަ އަހަރަކީ ކޯވިޑްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަޑިއަޅާލި އަހަރެކެވެ. އިޤްތިޞާދު އަޑިއަޅާލުމުގެ ސަބަބުން އެތައް ބައެއްގެ މުސާރަކުޑަކޮށް، ވަޒީފާގެއްލި މަގުމަތިވި މަންޒަރު އަޅުގަނޑުމެންނަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެނިގެންގޮސްފައެވެ. އިޤްތިޞާދަށް ލިބުނު ހީނަރުކަމާއެކު ބަޔަކަށް ގެއްލުންތަކެއް ލިބުނަސް، މި މުއްދަތުގައި ފައިދާތަކެއް ލިބުނު ބަޔަކުވެސް އެބަތިއްބެވެ.

ބްލޫމްބަރގްއިން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ދުނިޔޭގެ އާބާދީގެ 0.001 އިންސައްތަ މީހުންނަށް ވަނީ ބޮޑެތި ފައިދާތަކެއްކޮށްފައެވެ. ދެން އުފެދޭ ސުވާލަކީ މިފަދަ ފައިދާއެއް ކުރީ ކޮންބަޔައްކަށްތޯ އުފެދޭ ސުވާލެވެ. ޖަވާބަކީ މި މުއްދަތުގައިވެސް އެންމެ ބޮޑަށް ފައިދާވީ ދުނިޔޭގެ އެންމެ މުއްސަނދި ބިލިޔަނަރުންނަށެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބިލިޔަނަރުންގެ މުއްސަނދިކަން 29 އިންސައްތަ އިތުރުވެފައިވާކަމަށް ބްލޫމްބަރގްއިން ވަނީ ހާމަކޮށްފައެވެ.

ބްލޫމްބަރގްއިން ވަނީ ސިއްޙީ ކުއްލި ޙާލަތުގައި ކަޑައްތަކުރި 2020 ވަނަ އަހަރުއެކަނިވެސް، ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ މާލިއްޔަތައް 1.8 ޓްރިލިއަން އެމެރިކާ ޑޮލަރު އިތުރުވިކަމަަށް ބުނެފައެވެ. މިއާއެކު މި 500 މީހުންގެ ޖުމުލަ މިލްކިއްޔާތު 7.6 ޓްރިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

މުއްސަނދިކަމުގެ ވާހަކަދައްކާއިރު، މި މުއްދަތުގައި އެންމެ ބޮޑު މުއްސަނދިކަމެއް ހޯދާފައިވަނީ އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައުންޑަރ އީލޯން މަސްކްއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި މައިކްރޯސޮފްޓްގެ ކޯ-ފައުންޑަރ ބިލްގޭޓްސް ފަހަތަށް ޖައްސާލައި، ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަޤާމުވެސް ހޯދާފައެވެ.

އީލޯން މަސްކްގެ މުއްސަނދިކަން އިތުރުވެފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި އިލެކްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައިދާ ރެކޯޑް މިންވަރަކަށް އިތުރުވުމާއި ގުޅިގެންނެވެ.

އިއާދަކުރަނިވި ހަކަތަ އާއި އިލެކްޓްރިކް ވެހިކަލް އުފައްދާ ޕަބްލިކް ކުންފުންޏެއްކަމަށްވާ ޓެސްލާގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި 874 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާގައި ކުންފުންޏަށް ލިބުނު ފައިދާ އާއި އަޅާކިޔާއިރު 156 އިންސައްތަ އިތުރު އަދަދެއްކަމުގައިވާއިރު ދެ ވަނަ ކުއާޓާ އާއި އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން ތިންވަނަ ކުއާޓާގައި ޓެސްލާއަށް ފައިދާގެ ގޮތުގައި ލިބިފައިވާ އާމްދަނީއަކީ، މިއަހަރު ކުރީ ކޮޅު ތަޖުރިބާކާރުން ޓެސްލާއަށް ފައިދާވާނެކަމަށް ލަފާކޮށްފައިވާ 593 މިލިއަން ޑޮލަރަށްވުރެ 281 މިލިއަން އިތުރު އަދަދެކެވެ.

ޓެސްލާގެ ވިޔަފާރި ރަނގަޅުވުމާއި ގުޅިގެން 49 އަހަރުގެ މަސްކްގެ މިލްކިއްޔާތުގައި ވަނީ 7.2 ބިލިއަން ޑޮލަރުން 127.9 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. އޭނާގެ މިލްކިއްޔާތަށް މިއަހަރު އެކަނިވެސް 100.3 ބިލިއަން ޑޮލަރު އިތުރުވެފައިވާއިރު، އޭނާ ވެގެންގޮސްފައި ވަނީ ބްލޫމްބާރގް އިންޑެކްސްގައި ހިމެނޭ ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ތެރެއިންވެސް މިފަދަ ބޮޑު އާމްދަނީގެ ކުރިއެރުމެއް ހޯދި ހަމައެކަނި މީހާއަށެވެ.

އެލަން މަސްކް މުއްސަނދިކަމުގެ ރިކޯޑްތަކެއް ޤާއިމުކުރިޔަސް، އޭނާއަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ދެމިހުރި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް ފަހަތަށް ޖައްސާލެވިފައެއް ނުވެއެވެ.

ފޯބްސްއިން އާންމުކޮށްފައިވާ ގޮތުގައި މި ބަލިމަޑުކަމުގެ ކުރިން 2020 ވަނަ އަހަރުގެ ކުރީކޮޅު ޖެފް ބެޒޯސްގެ މިލްކިއްޔާތުގައި 73.2 ބިލިއަން ޑޮލަރު ހުރިއިރު، މިހާރު އޭނާގެ މިލްކިޔާތު ވަނީ 186.2 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. ޖެފް ބެޒޮސްގެ މުއްސަނދިކަން އިތުރުވެފައިވަނީ މި ދުވަސްތަކުގެ ތެރޭގައި އެމެޒޯންގެ ހިއްސާގެ އަގު މަތިވުމާއި، މި ދުވަސްވަރާއި ގުޅިގެން އޮންލައިން ވިޔަފާރިއާއި ޑެލިވަރީގެ ނިޒާމުގެ މަޤުބޫލުކަން އިތުރުވުމާއި ގުޅިގެނެވެ.