ޚަބަރު

ކަނޑު އުޅަނދުފަހަރަށް ސަލާމަތީ ސެޓްފިކެޓް ދޭ އުސޫލު ބަދަލުކޮށްފި


ރާއްޖޭގައި ކަނޑުމަތީގެ ހާދިސާތައް ހިނގުން މަދުކުރުމަށްޓަކައި، ކަނޑު އުޅަނދު ފަހަރު ދުއްވުމަށް ބޭނުންވާ ސަލާމަތީ ސެޓިފިކެޓް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލުކޮށްފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިފަދަ ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާތީ މިފަދަ ހާދިސާތައް މަދުކޮށް، މިފަދަ ހާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުންކަމަށެވެ.ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ސަލާމަތީ ސެޓިފިކެޓް ހޯދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން 5 ކެޓަގަރީއަކަށް ބަހާލާފައެވެ. އެގޮތުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދާ ހަމައަށް ދަތުރުކުރާ އުޅަނދުފަހަރުން ފެށިގެން ފަޅުތެރޭގައި ދަތުރުކުރާ އުޅަނދު ފަހަރުގައި ހުންނަންޖެހޭ ޝަރުތުތައް އެއޮތޯރިޓީންވަނީ ކަނޑައަޅާފައެވެ.އަލަށް ގެނެވުނު ބަދަލުތަކަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ 2017 ވަނައަހަރުން ފެށިގެންނެވެ.