ޚަބަރު

ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް، އެއްމިލިއަން ޔޫރޯގެ އެހީ ދީފި


ކޯވިޑް-19ގެ ހާލަތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް އެއްމިލިއަން ޔޫރޯގެ އެހީ ދީފިއެވެ.

ޔޫރޮޕިއަން ޔޫނިއަންއާއި ގުޅިގެން ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން ރާއްޖެއަށް ދިން މި އެހީއަކީ ރާއްޖެއިން ކޯވިޑް-19ގެ ބަލިމީހުންނަށް ދޭ ފަރުވާއާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ދިން އެހީއެކެވެ. އަދި ރާއްޖޭގެ ރެޕިޑް ރެސްޕޮންސް ޓީމަށާއި އެމަރޖެންސީގައި ފަރުވާދޭން ޖެހޭ ބަލިމީހުންނަށްދޭ ފަރުވާ އިތުރަށް ރަނގަޅުކުރުމަށް އެހީވުމަކީވެސް މިއެހީގެ މަޤުސަދެކެވެ.

މި އެހީގެ ތެރޭގައި ބޭހާއި ސިއްޙީ ދާއިރާގައި ބޭނުންކުރާ ތަކެތީގެ އިތުރުން މެޑިކަން ފެސިލިޓީތަކަށް ބޭނުންވާ ބައެއް ސާމާނި ހިމެނެއެވެ. އަދި ރާއްޖޭގެ ކޯވިޑް-19 ބަލިމީހުންނަށް ފަރުވާދޭ އައިސީޔޫއަށާއި އެހެން ބައެއް ފެސިލިޓީތަކަށް ބޭނުންވާ ތަކެތިވެސް ހިމެނެއެވެ. ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމަށާއި ރެޕިޑް ރެސްޕޮންސް ޓީމަށް ބޭނުންވާ އެހީވެސް ވަނީ ޑަބްލިއު.އެޗް.އޯއިން ފޯރުކޮށްދީފައެވެ. މި އެހީގެ ސަބަބުން ރާއްޖޭގައި ކޯވިޑް-19އަށް ދެމުން ގެންދާ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުވާނެކަމަށް ޑަބްލިއުއެޗްއޯއިން ދެކެއެވެ.

ސްރީ ލަންކާއާއި ރާއްޖެއަށް އީޔޫއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ މި އެހީއަކީ ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއްކަމަށެވެ. އީޔޫއާއި ޑަބްލިއުއެޗްއޯ އަދި ރާއްޖޭގެ ސަރުކާރު ގުޅިގެން ކުރާ މިމަސައްކަތުގައި ބަލާނީ ހަމައެކަނި ސިއްޙީ ދާއިރާއަށް ނޫންކަމަށާއި އާއްމު ރައްޔިތުންގެ ކަންކަމަށްވެސް ސަމާލުކަން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސައުތު އޭޝިއާގެ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރުމަކީ މި ބަލިމަޑުކަމުން އަރައިގަތުމަށް ވަރަށް މުހިންމުކަމެއްކަމަށްވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެއަކީ ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ގައުމަކަށްވާއިރު، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުމުގެ ފައިދާ ޔޫރޮޕަށްވެސް ކުރާނެކަމަށް ޑެނިސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްވަނީ ރާއްޖެއަށް މިދެއްވި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އީޔޫއިން ރާއްޖެއާއިމެދު ބާއްވާ ގާތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.