ވިޔަފާރި

މިދިޔަ އަހަރު އެންމެ ގިނައިން ޒިޔާރަތްކުރީ އިންޑިއާ ފަތުރުވެރިން


ކޯވިޑް19ގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ނަމަވެސް ކޯވިޑް19އަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން އިންޑިއާ ވެފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 11.3 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 62905 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

2020 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކަށް އިންޑިއާ ވުމާއި ގުޅިގެން އިންޑިއަން ހައިކޮމިޝަނުން ވިދާޅުވީ، މީގެކުރިން ލިސްޓުގެ 5 ވަނައިގައި އިންޑިއާ އޮތުމަށްފަހު ކޯވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި މި ލިސްޓުގެ 1 ވަނައަށް ޖެހިލުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. މި ކާމިޔާބީގެ ފަހަތުގައި ގިނަ ސަބަބުތަކެއް ވާކަމަށް ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ރައީސް އިބްރާހިމް ސާލިޙްގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްވެފައިވާ ވަރުގަދަ ގުޅުން ހައިކޮމިޝަނުން ފާހަގަކުރެއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކުރެވިގެންދިޔަ ބައިލެޓްރަލް ވިސާ ފްރީ އެގްރިމަންޓްގެ ސަބަބުންވެސް އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް19 ގެ ޕެންޑަމިކްގެ ތެރޭގައި އިންޑިއާއާއި ރާއްޖެއިން ވަނީ ދެކުނު އޭޝިއާގައި ޤާއިމްކުރި ފުރަތަމަ "އެއަރ ޓްރެވެލް ބަބުލް" ޤާއިމްކޮށްފައެވެ. މި ބަބުލްގެ ސަބަބުން އިންޑިއާގެ މަޝްހޫރު އެތައް ތަރިންނެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ސަބަބުންވެސް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ އެޤައުމުގެ ފަތުރުވެރިން ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ.

އިންޑިއާ – ރާއްޖެ ޓްރެވެލް ބަބުލްއާއިއެކު އިންޑިއާގެ 4 އެއަރލައިންއަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުންވެސް އަންނަނީ އިންޑިއާއަށް ދަތުރުކުރަމުންނެވެ. އެހެންކަމުން ރާއްޖެއިން ސީދާ އިންޑިއާގެ 6 ސަރަހައްދަކަށް މިހާރުވެސް ވަނީ ދަތުރުފަތުރުން ގުޅުވާލާފައެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ގުޅިގެން ވެބިނަރތަކާއި ވަރޗުއަލް އިވެންޓްތައް ރާވާ ހިންގާ، ދިވެހިރާއްޖޭގެ ޓްރެވެލް އެޖެންޓުންނާއި އިންޑިއާގެ ޓްރެވެލް އެޖެންޓުން ގުޅުވާލަދީފައެވެ. މިއީވެސް އެ ޤައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދިން ކަމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށްވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 4 ދުވަހު އިންޑިއާއިން ރާއްޖެއަށް 1080 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއިއެކު އިންޑިއާ ވެފައިވަނީ އަހަރުގެ މިހާތަނަށް 2 ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.