ދުނިޔޭގެ ވިޔަފާރި

ކުއިބީގެ ކޮންޓެންޓްތައް ރޯކޫ އިންކްއަށް ވިއްކާލަނީ


ކުއިބީގެ ކޮންޓެންޓް އޮންލައިން ކޮންޓެންޓް އުފައްދާ ރޯކޫ އިންކްއަށް ވިއްކާލަން އެއްބަސްވެއްޖެއެވެ.

އޮންލައިން ސްޓްރީމިންގެ ވާދަވެރިކަމުގައި ހިފަހައްޓައި ނުލެވި ދާދި ފަހުން ސްޓްރީމްކުރަން ފެށި ކުއިބީ ޕްލެޓްފޯމްގެ އޮޕަރޭޝަން ހުއްޓާލަން މިހާރު ވަނީ ނިންމާފައެވެ.

މި ސަބަބަށްޓަކައި ކުއިބީގެ ކޮންޓެންޓް ވިއްކުމަށް ވޭތުވެ ދިޔަ 4 މަސްދުވަހުގެ ތެރޭގައި އެކި ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. އެންމެ ފަހުން ކުއިބީގެ ކޮންޓެންޓް އޮންލައިން ކޮންޓެންޓް އުފައްދާ ރޯކޫ އިންކްއަށް ވިއްކާލަން މިވަނީ ނިންމާފައެވެ. ރޯކޫއަކީ މިވަގުތު އެމެރިކާގައި އެންމެ މަޤުބޫލު އޮންލައިން ސްޓްރީމްތައްކަމަށްވާ އެމަޒޯން އަދި ނެޓްފްލިކްސްއަށްވެސް ކޮންޓެންޓް އުފައްދާ ކުންފުންޏެކެވެ.

ކުއިބީގެ އުފެއްދުންތައް މަޤުބޫލު ނުވިޔަސް، މަޤުބޫލު އޮންލައިން ސްޓްރީމްތަކަށް މި ކޮންޓެންޓްލުމުން ކުއިބީގެ ކޮންޓެންޓް ވިކޭނެކަމަށް ކުއިބީއާއެކު ބޭއްވި ބައްދަލުވުމުގައި ރޯކޫގެ އިސްވެރިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ދެ ފަރާތުގެ އެއްބަސްވުމުގެ ތަފްސީލެއް މިހާތަނަށް ކުއިބީންވެސް އަދި ރޯކޫ އިންކްވެސް ހާމަކޮށްފައެއް ނުވެއެވެ.

2 ބިލިއަން ޑޮލަރުގެ ބޮޑު ސްޓާޓަޕްއަކާއެކު ފެށި ކުރު ފިލްމް ސްޓްރީމްކުރާ ކުއިބީ ލޯންޗްކޮށްފައިވަނީ މީގެ 9 މަސްކުރިން މިއަހަރުގެ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުއެވެ.

ކުއިބީގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައިވާކަން މި ޕްލެޓްފޯމްގެ ފައުންޑަރ ޖެފްރީ ކެޓްޒެންބާރގް އަދި ސީއީއޯ މެގް ވިޓްމެން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ކެޓްޒެންބާގް އަދި ވިޓްމެން ވަނީ ކުއިބީގެ އިންވެސްޓަރުންނާއިއެކު ވީޑިއޯ ކޯލް ބައްދަލުވުމެއް ބާއްވާ ކުންފުނި މިހާރު ހިނގަމުންދަނީ ގެއްލުމުގައިކަމަށް ބުނެފައެވެ. މި މައްސަލަ ހައްލުކުރުމަށް ކުންފުނި ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސް ބެލުންތެރިން ގަޔާވާކަހަލަ ކޮންޓެންޓް އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް، އެކަށޭނަ ބަދަލެއް ނައުމުން އިތުރަށް މި ޕްލެޓްފޯމް ކުރިއަށް ނުގެންގޮސް އޮޕަރޭޝަން ހުއްޓާލަން ނިންމާފައިވާކަމަށް ކެޓްޒެންބާގް އިންވެސްޓަރުންނަށް ވަނީ މަޢުލޫމާތުދީފައެވެ.

10 މިނެޓަށްވުރެ ކުރު ފިލްތައް ހެދުމަށް ޚާއްސަކޮށްގެން ފެށި މި ވިޔަފާރި އާންމުންގެ މެދުގައި މަޤުބޫލުނުވުމަކީ މި ފިޔަވަޅު އެޅި މައިގަނޑު ސަބަބުކަމަށް ކުއިބީގެ އިސްވެރިން ވަނީ މި ބައްދަލުވުމުގައި ބުނެފައެވެ. މި ބައްދަލުވުމުގައި ކެޓްޒެންބާގް އަދި ވިޓްމެން ވަނީ ކުއިބީއިން މިހާރު އުފައްދާފައިވާ 100 އަށްވުރެ ގިނަ ކޮންޓެންޓަށް ހަދަންވީ ގޮތަކާއިމެދުވެސް މަޝްވަރާކޮށްފައެވެ. މި ކޮންޓެންޓްތަކަކީ އާންމުންގެ މާބޮޑު މަޤުބޫލުކަމެއް ލިބިގެންގޮސްފައިނުވާ އުފެއްދުންތަކެއް ކަމުން މި ކޮންޓެންޓް ވިއްކުމުގައި ކުއިބީއަށް ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ. އެގޮތުން ހުރިހާ ކޮންޓެންޓެއް އެއްފަހަރާ ހެޔޮ އަގެއްގައި ވިއްކުމަށް ކިއުބީން ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ލޮސްއެންޖެލިސްގައި ޤާއިމްވެފައިވާ ކުއިބީގެ އޮޕަރޭޝަން އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ފެށުމާއެކު ގިނަ ބަޔަކު މި ޕްލެޓްފޯމްގެ ތަފާތު ކޮންޓެންޓާއި މެދު ޝައުޤުވެރިވެ ސަބްސްކްރައިބްކޮށްފައިވެއެވެ. ފުރަބަންދުގެ ޙާލަތުގައި ނެރުނު މި ޕްލެޓްފޯމްގެ 3.3 މިލއަން ސަބްސްކްރައިބަރުން ތިބިއިރު، އާންމުންނަށް ކަމުދާ ކޮންޓެންޓް އުފެއްދިފައިނުވާއިރު، ޕްލެޓްފޯމްގެ ސަބްސްކްރިޕްޝަން ރޭޓް ޖުލައި މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ 2 ވަނަ ކުއާޓާއާއި އަޅާބަލާއިރު ތިންވަނަ ކުއާޓާގައި ސަބްސްކްރިޕްޝަން ރޭޓް ވަނީ 90 އިންސައްތައިން އަޑިއަޅާލާފައެވެ.

މަހެއްގެ މައްޗަށް 8 ޑޮލަރު ދައްކައިގެން ސްޓްރީމްކުރެވޭ މި ޕްލެޓްފޯމް އޮންލައިން ސްޓްރީމިންގގައި ނާކާމިޔާބުވެފައި މިވަނީ ނެޓްފްލިކްސް، އެމަޒޯންގެ ޕްރައިމް ވީޑިއޯ އަދި ނެޓްފްލިކްސްފަދަ ޕްލެޓްފޯމްތައް ފުރަބަންދުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ދަނޑިވަޅެއްގައެވެ.