ދުނިޔޭގެ ވިޔަފާރި

"ގްރެބް"ގެ ފައިދާ 70 އިންސައްތަ އިތުރުވެއްޖެ


ޑެލިވަރީއަށް އޮތް ޑިމާންޑް ބޮޑުވެ، "ގްރެބް"ގެ އަހަރީ ފައިދާ 70 އިންސައްތަ އިތުރުވެއްޖެއެވެ.

15 ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއަކާއެކު "ގްރެބް"އިން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ކާމިޔާބު ސްޓާޓަޕްއަށްވެސް ވެފައެވެ.

"ގްރެބް"އަކީ ދެކުނު އިރުމަތީ އޭޝިއާގައި ޓެކްސީގެ ޚިދުމަތާއި، ކާނާ ޑެލިވަރކޮށްދޭ މަލްޓިނެޝަނަލް ކުންފުންޏެކެވެ. ގްރެބްގެ މާލީ ތަފާސް ހިސާބުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުންފުނީގެ ރައީސް މިންގް މާ ވަނީ، ކޯވިޑްގެ ޙާލަތު 2020 ވަނަ އަހަރު ކުރިމަތިވިޔަސް އެ ކުންފުނިން މިދިޔަ އަހަރު އަމާޒު ހިފި ހުރިހާ ޓާގެޓެއް ހާސިލްވެފައިވާކަމަށެވެ.

މިންގް މާ ވިދާޅުވީ ކޯވިޑްގެ ސަބަބުން ފުރަބަންދުގެ ފިޔަވަޅުތައް އަޅާ، ގޭގައި ބަންދުވާން ޖެހުމުން ރައްކާތެރިގޮތުގައި ޑެލިވަރީގެ ނިޒާމު ހަރުދަނާކުރުމަށް ކުންފުނިން މުހިންމު އިސްކަމެއް ދިންކަމަށެވެ. އެގޮތުން މުއައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓާފް ކުއާޓާތަކުގައި ރައްކާތެރިކަން އިތުރުކޮށް ޑަބްލިއުއެޗްއޯގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމުން އެ ކުންފުނިން ފެނުނު ކޭސްތައް މަދުކަން މިންގް ފާހަގަކުރެއްވިއެވެ.

15 ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއަކާއެކު "ގްރެބް"އިން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ކާމިޔާބު ސްޓާޓަޕްކަންވެސް 2020 ވަނަ އަހަރު ހޯދާފައެވެ. އަދި އެ ކުންފުނިން މިދިޔަ އަހަރު ކުންފުނީގެ އެހެނިހެން ކަންކަމަށް ކުރި ޚަރަދުވަނީ 80 އިންސައްތަ ކުޑަކޮށްފައެވެ. އެގޮތުން މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކޮށް، ކެބް އެޕް ހިންގުމުގެ ބަދަލުގައި ޑެލިވަރީކުރުމުގެ ޚިދުމަތް ފުޅާކުރުމަށް މިދިޔަ އަހަރު ކުންފުނިން އަމާޒު ހިފިއެވެ. މިގޮތަށް ސިޔާސަތުތައް ބަދަލުކުރުމަކީ ކުންފުނީގެ ކާމިޔާބީގެ ސިއްރުކަމަށް މިންގް މާ ސިފަކުރައްވައެވެ.

ޑެލިވަރީއަށް އޮތް ޑިމާންޑް ބޮޑުވެ، "ގްރެބް"ގެ އަހަރީ ފައިދާ 70 އިންސައްތަ އިތުރުވެފައިވާއިރު، މިއަހަރުގެ ފައިދާ އިތުރުކުރުމަށް ކުންފުނިން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އައު ޤައުމުތަކަށް "ގްރެބް"ގެ މަސައްކަތް ފުޅާކުރަން ވަނީ ނިންމާފައެވެ. އެހެންމަވެސް، މިކަންކަމުގެ ތަފްސީލެއް ކުންފުނިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.