އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ރޭ ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ސިޓީ ކާމިޔާބުކޮށްފިއެވެ.
ޗެލްސީގެ ދަނޑު، ސްޓެންފަޑް ބްރިޖްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. ކޮރޯނާ ރައިވަސހުގެ ސަބަބުން ސިޓީގެ މުހިންމު ފަސް ކުޅުންތެރިޔަކާ ނުލައި ކުޅުނު މިމެޗްގައި ސިޓީގެ ފަރާތުންވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
މިމެޗް ފެށިގެން ކުރީކޮޅު ޗެލްސީއިން ސިޓީގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މާރަގަޅު ހަމަލާއެއް ޗެލްސީއަށް އުފެއްދޭ ގޮތެއްނުވިއެވެ. މެޗުގެ ފުރަތަމަ ދިހަވަރަކަށް މިނެޓަށްފަހު ދެން ފެނިގެންދިޔައީ ސިޓީން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންދިޔަތަނެވެ. މިގޮތުން މެޗްގެ 18 ވަނަ މިނެޓުގައި ސިޓީއަށް ކުޅޭ ޖަރުމަނުގެ ބައިނަލްއަގްވާމީ ކުޅުންތެރިޔާ އިލްކާއި ގުންޑޮގާން އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނެވެ. މިއީ ވޭތުދިޔަ ހަތަރު މެޗްގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަދި އޭގެ ތިން މިނެޓްފަހުން ސިޓީއިން އުފެއްދި ހަމަލާއެއްގައި އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑެންއެވެ. އަދި ތިންވަނަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ޑިބްރޫނޭއެވެ. މީގެއިތުރުންވެސް ލަޑު ޖަހާނެ ރަގަޅު ފުރުސަތު ތަކެއް ސިޓީއަށް މިމެޗްގައި ލިބިގެން ދިޔައެވެ. ޗެލްސީއިން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ކޭލުމް ހަޑްސަން އޮޑޯއިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި ރޭގެ މެޗުން އޭނާގެ ކުޅުންތެރިންގެ ފަރާތުން އެ ފެނިގެންދިޔައީ މީގެ ކުރިން ސިޓީން ޕްރިމިއަރ ލީގު ކާމިޔާބުކުރި ދެސީޒަންގައި އޭނަގެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވާފަދަ މޮޅު ކުޅުމެއް ކަމަށެވެ. އަދި މިއީ މުހިންމު ކާމިޔާބީއެއް ކަމަށާއި ކުރިއަށް އޮތް މެޗްތަކުގައިވެސް މިކުޅުން ތަކުރާރު ކުރެވޭތޯ ސައްކަތް ކުރާނެ ކަމުގައި ޕެޕް ހާމަކުރިއެވެ.
ޗެލްސީގެ ކޯޗު ފްރޭންކް ލެމްޕާޑް ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިންނަށް ގިނަ ގޯސް ތަކެއް ހެދިފައިވާ ކަމަށާއި އަދި ސިޓީއިން އޭގެ ފައިދާ އެންމެ ރަގަޅު ގޮތުގައި ނެގީއެވެ.
ރޭގެ ކާމިޔާބީއާއެކު ސިޓީ މިހާރު ވަނީ 15 މެޗް ކުޅެ 29 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާ ތާވަލްގެ އެއްވަނައިގާ އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ 4 ޕޮއިންޓަށް ގާތް ކޮށްފައެވެ. ޗެލްސީވަނީ 17 މެޗުން ލިބިފައިވާ 26 ޕޮއިންޓައެކު ތާވަލްގެ 8 ވަނައަށް ފަހަތަށް ވެއްޓިފައެވެ.