ޚަބަރު

މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި


  • މިއަދުގެ މިއީ ރާއްޖޭގެ 61ވަނަ މިނިވަން ދުވަސް

61ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮނުއްވައިފިއެވެ.

އެމަނިފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރެވެ. ނަމަވެސް އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރު ދިވެހިންގެ ދާހިލީކަންކަމަށް އިނގިރޭސިންކު ނުފޫޒު ފޯރުވާފައެއް ނުވެއެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެކު ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލުކުރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.