ޚަބަރު

ތޭރަ ދުވަހަށްފަހު އެމެރިކާގެ ޢުދުވާނީ ހަމަލާތައް މެދުކަނޑައިލައިފި


  • ހަމަލާތައް މެދުކަނޑައިލީ އެމެރިކާގެ ހަތިޔާރުގެ ސްޓޮކު ހުސްވަމުންދާތީ

  • ދެ ފަރާތުގެ މެދުގައި މަޝްވަރާ ކުރެވެމުންދާކަން ކަށަވަރުވެއްޖެ

އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަގެ ތެރެއިން ދެމުންދިޔަ ޢުދުވާނީ ހަމަލާތައް 13 ދުވަހަށްފަހު އަނެއްކާ ވެސް މެދުކަނޑައިލައިފިއެވެ. ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވައިލުމަށްފަހު އެމެރިކާއިން ދޭން ފެށި ހަމަލާތައް މެދުކަނޑައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ކަން ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ދެ ނޫހެއް ކަމުގައިވާ ދި ނިއު ޔޯކް ޓައިމްސް އަދި އެކްސިޔޮސްއިންނެވެ. ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ޙަވާލާދީ އެ ނޫސްތަކުން ބުނީ، ހަމަލާތައް މެދުކަނޑައިލުމަށް އަސްކަރިއްޔާއަށް ޓްރަމްޕް އަމުރު ކުރައްވާފައިވާ ކަމުގައެވެ. އޭނާ މި ނިންމެވުން ނިންމަވާފައި ވަނީ، އީރާންގެ ރައްދު ހަމަލާތައް ދިފާޢުކުރުމަށް ބޭނުންވާ ޕޭޓްރިޔަޓް މަރުކާގެ މިސައިލްތަކާއި އެހެނިހެން ހަތިޔާރުގެ ސްޓޮކު ހުސްވަމުންދާތީ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ދަނޑިވަޅުގައި އީރާނުން ބުނީ، ތެހްރާންގެ ހުއްދައާނުލައި ހުރްމުޒް ކަނޑުއޮޅިން އިތުރު މަގެއް ހުޅުވައިލުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިއީ، ދެ ޤައުމުން ސޮއިކޮށްފައިވާ އިބުތިދާއީ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމުގައި އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، ވޮޝިންގޓަނާއެކު އެއްބަސްވުމެއް އެކުލަވައިލުމަށް ތެހްރާނުން ބޭނުންވާ ކަމަށާއި، އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ. ތެހްރާނުން ވެސް ވަނީ ދެ ފަރާތުގެ މެދުގައި މެސެޖުތައް ބަދަލު ކުރެވެމުންދާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، ދެ ފަރާތުގެ މަޤުޞަދުތަކުގައި ބޮޑެތި ތަފާތުތަކެއް ހުރުމާއި، އިތުބާރު ނެތުމުގެ ސަބަބުން ނުރަސްމީ މަޝްވަރާތަކުގައި ބޮޑު ކުރިއެރުންތަކެއް ހޯދިފައިނުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ދެ ފަރާތުން މީގެ 14 ދުވަސް ކުރިން އަލުން ހަމަލާބަދަލުކުރަން ފެށީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ އުޅަނދުފަހަރަށް އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ހަމަލާދެމުންދާ ކަމުގައި ތުހުމަތުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އީރާންގެ ބަނދަރުތައް ޙިޞާރުކޮށް، އަލުން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. އީރާނުން ބުނީ، ހަމަލާތައް އަމާޒުކޮށްފައިވާނީ ތެހްރާންގެ ހުއްދައާނުލައި ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރި އުޅަނދުފަހަރަށް ކަމުގައެވެ. ޚާރިޖީ ދާއިރާގެ މާހިރެއް ކަމުގައިވާ އޮސްޓްރިޔާގެ ކުރީގެ ދިފާޢީ އޮފިޝަލް ވުލްފްގާންގ ޕުޝްޓައި ވިދާޅުވީ، މަޝްވަރާގެ މޭޒު ދޮށަށް އީރާން ހާޒިރުކުރުމަށް އެމެރިކާއިން ތިން ދާއިރާއަކުން ވަރުގަދަ ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމުގައެވެ.

އެމެރިކާގެ ޢުދުވާނީ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް ޔަމަނުގެ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ވަނުމާއެކު، މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އަދި، އެ ޖަމާޢަތުން އިސްވެ ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކުރުމާއެކު، ކަނޑު ދަތުރުފަތުރަށް ވަނީ ހުރަސްއެޅިފައެވެ. މިއީ، ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް، ޙޫޘީން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރުކޮށް، އެ ޤައުމުގެ ޓޭންކަރުތަކަށް ހަމަލާދޭން ފަށާފައެވެ. ރައްދުގައި، ޔަމަނުގައި ހަރަކާތްތެރިވާ ގުޅިފައިވާ ލަޝްކަރުން ވަނީ ޔަމަނުގައި ޙޫޘީން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ރައްދުގައި ޙޫޘީން ވެސް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ތެލުގެ ސިނާއަތުގެ މަރުކަޒުތަކަށް ހަމަލާދެމުންދާ ކަމުގައި ބުނެފައެވެ.