ދުނިޔޭގެ ވިޔަފާރި

ތެލުގެ ބާޒާރު ހަމައަކަށް އެޅޭނީ މިއަހަރުގެ ފަހު ކުއާޓާގައި: އޯޕެކް


ތެލުގެ ބާޒާރު ހަމައަކަށް އެޅޭނީ މިއަހަރުގެ ފަހު ކުއާޓާގައިކަމަށް އޯޕެކުން ލަފާކޮށްފިއެވެ.

ތޮޔޮ އުފައްދާ ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އޯޕެކްއިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާއަކީ ގޮންޖެހުންތައް ބޮޑު މުއްދަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިއަހަރުގެ އެންމެ ފުރަތަމަ އޯޕެކް ޕްލަސްގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އޯޕެކްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ބާކިންޑޯ ވިދާޅުވީ ދަތުރުފަތުރުތައް އަލުން ފެށުމާއެކު ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ދިރުން ލިބިފައިވާކަމަށެވެ. މި ސަބަބަޓަށްކައި ކޮރޯނާވައިރަސްގެ ސަބަބުން ތެލަށް އޮތް ޑިމާންޑު ދަށްވެ، ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށްފަހު މިހާރު މިވަނީ އޯޕެކް ޕްލަސްގެ ޤައުމުތަކުން ދުވާލެއްގެ މައްޗަށް ފަސްސަތޭކަ ހާސް ފީފާ ތެޔޮ އުފެއްދުމަށް ނިންމާފައެވެ. އަދި މާކެޓަށް އަންނަ ހެޔޮ ބަދަލަށް ބަލާ މިއަހަރު މިއަދަދު ދެ މިލިއަނަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އޯޕެކްގެ ސެކެޓްރީ ޖެނެރަލް ވަނީ، ތެލުގެ ބާޒާރު ހަމައަކަށް އެޅޭނީ މިއަހަރުގެ ފަހު ކުއާޓާގައިކަމަށް ލަފާކޮށްފައެވެ.

މި އިތުރުކުރުމާއި ގުޅޭގޮތުން އޯޕެކް ޕްލަސްގެ ޤައުމުތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އެގޮތުން ރަޝިއާއިން މިއަދަދު އިތުރުކުރުން އަވަސްކުރުމަށް ގޮވާލަމުން ދާއިރު، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުގައި ބޮޑަށް ސަމާލުވާންޖެހޭކަމަށް ސައުދީން ދަނީ ބުނަމުންނެވެ.

ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމީ ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑެތި ޤައުމުތައް ހިމެނޭ އޮޕެކްގެ މެންބަރު ޤައުމުތަކާއި، މެންބަރު ނޫން ޤައުމުތަކުން މިދިޔަ އާދިއްތަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.

2020 ވަނަ އަހަރަކީ ދުނިޔޭގައި ތެޔޮ އުފައްދާ ޤައުމުތަކުން ތާރީހުގައިވެސް ތެޔޮ އުފައްދާ މިންވަރު އެންމެ ދަށަށް ދިޔަ އަހަރެވެ. މިދިޔަ އަހަރުގެ ތެރޭގައި ޖުލައި މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ދުވާލަކު އުފައްދާ ތެލުގެ ތެރެއިން 8 މިލިއަން ފީފާ މަދުކުރަން އޭރު ނިންމިއެވެ. އެއަށްފަހު 2021 ވަނަ އަހަރުގެ ޖެނުއަރީން އޭޕްރިލްއަށް ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ޖުމްލައިން 6 މިލިއަން ފީފާ މަދުކުރަންވެސް އޭރު ނިންމިއެވެ. އެހެންނަމަވެސް، އަންދާޒާތަކަށްވުރެ ވިޔަފާރި ރަނގަޅުވުމުން މިއަދަދު ފަސް ސަތޭކަ ހާސް ފީފާއަށް އިތުރުކުރުމަށް މިވަނީ ނިންމާފައެވެ.

ތެލަށް އޮތް ޑިމާންޑު ކޮރޯނާ ވައިރަސްއާއި ގުޅިގެން ދުވާލެއްގެ މައްޗަށްވަނީ ވަނީ 18 މިލިއަނާއި 20 މިލިއަން ފީފާ ދޭތެރޭގެ އަދަދަކަށް ދަށްވެފައެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ތެލުގެ އަގު ދަށަށް ދާ މައިގަނޑު ސަބަބަކީ، ތެޔޮ އެންމެ ގިނައިން ބޭނުންވާ ދަތުރުފަތުރުކުރުމުގެ ސިނާޢަތް ހުއްޓުމަކަށް އައުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުކުރުން ހުއްޓި، ޤައުމުތައް ބަންދުކޮށްފައިވާއިރު، ކާރުހަނާތައް ބަންދުކުރުމަކީވެސް ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބެކެވެ.