ވިޔަފާރި

ފަތުރުވެރިކަމުގެ ރަން އަހަރު : ފަތުރުވެރިކަން ފަށައިދިން ބާނީންގެ ޚާއްސަ މެސެޖުތައް


އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. ފަތުރުވެރިކަމަކީ މިއަދު ރާއްޖޭގެ މުޅި އިޤްޞާދު އެކަމަކަށް ބަރޯސާވެފައިވާ އެއް ސިނާއަތެވެ. ކުޑަ ގޮތަކަށް ފެށިގެން އައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު މިވަނީ މުޅި ދުނިޔެއަށް މަޝްހޫރު އަދި ގިނަ ޤައުމުތަކަކުން މިސާލު ނަގާ ސިނާއަތަކަށްވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފެށުމުގައި އަދި މިއަދު މިއޮތް ހިސާބަށް އައުމުގައި އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާއާއި ކޮށްފައިވާ މަސައްކަތްތައް ވަރަށް ގިނައެވެ. ފަތުރުވެރިކަމަށް އަންނަ އަހަރު 50 އަހަރު ފުރޭއިރު އަންނަ އަހަރު "ފަތުރުވެރިކަމުގެ ރަން އަހަރު"ގެ ގޮތުގައި ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މި ސިނާއަތް މިހާހިސާބަށް ގެނައުމަށް ބުރަ މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ ޙާއްސަ މެސެޖްތަކަކާއެކު ޓޫރިޒަމް މިނިސްޓްރީން ވަނީ އަންނަ އަހަރަށް ޙާއްސަ ކައުންޓްޑައުންއެއްވެސް ފަށާފައެވެ.

މި ކައުންޓްޑައުންގެ އެންމެ ފުރަތަމަ މެސެޖް މިމަހުގެ 1 ވަނަ ދުވަހު ދީފައިވަނީ ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާ ޖޯޖު ކޯބިންއެވެ. މި މެސެޖްގައި ކޯބިން ބުނެފައިވަނީ، މީގެ 48 އަހަރު ކުރިން ސްރީލަންކާގެ ކާގޯ ބޯޓަކަށް އޭނާ އެރީ ރާއްޖެ އައުމަށްކަމަށެވެ. މި ދަތުރުގައި ރާއްޖޭގެ ގިނަ ރަށްރަށަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދިޔަޔަކަމަަށް އޭނާ ބުނެފައިވެއެވެ. ރާއްޖޭގެ ރަށްތައް ސިފަކުރެވޭ އޮތީ އެންމެ ގޮތެއްކަން ފާހަގަކުރައްވައި ކޯބިން ބުނީ އެއީ "ދުނިޔެމަތީގެ ސުވަރުގެ" ކަމަށެވެ.

ކޯބިންއަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގެ ބާނީން ކަމުގައިވާ އަޙްމަދު ނަސީމްއާއި ހުސައިން އަފީފްވެސް ވަނީ ޙާއްސަ މެސެޖްއެއް މިހާރު ދީފައެވެ. މި މެސެޖްގައި އަޙްމަދު ނަސީމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ފެށިފައިވަނީ ވަރަށް ކުޑަގޮތަކަށްކަމަށެވެ. ނަމަވެސް މިއަދު ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށްވެސް މަޝްހޫރު މަންޒިލެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ޓޫރިޒަމް ފެށުނީ ވަރަށް ކުޑަކުޑަ ގޮތަކަށް. އެކަމަކު އަޅުގަނޑުމެން އެންމެ ފަހުރުވެރިވާން ހައްޤު މިހާރު. އެއީ ދިވެހިރާއްޖެ ޓޫރިސްޓް ޑެސްޓިނޭޝަންއެއްގެ ގޮތުގައި މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ޑެސްޓިނޭޝަން. 2022 މިއީ ޓޫރިޒަމްގެ ރަންއަހަރު." އަޙްމަދު ނަސީމްގެ މެސެޖްގައި ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއްކަމުގައިވާ ހުސައިން އަފީފްގެ މެސެޖްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި ހިއްސާވެވުނީތީ ފަހުރުވެރިވާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރާ އަހަރަކީ އުފާވެރި އަހަރަކަށްވާނެކަމަށް އުންމީދުކުރާކަމަށެވެ.

"1972 ގައި ރާއްޖެއައި ފުރަތަމަ ފަތުރުވެރިންގެ ގުރޫޕް ރާއްޖެ ގެނައި ގްރޫޕްގައި ހިމެނުމަކީ ލިބުނު ފަހުރަކާއި ޝަރަފެއް. ފަތުރުވެރިކަމުގެ ރަން އަހަރު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް އުފާވެރި އަހަރަކަށް." ހުސައިން އަފީފް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާ ކައުންޓްޑައުން މެދުވެރިކޮށް އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވީޑިއޯ މެސެޖްތައް ދައްކާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކޮންމެ ދުވަހަކު އެފަދަ މެސެޖެއް ހިއްސާކުރާނެކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގެ 365 މީހުންގެ މެސެޖް މި ކައުންޓްޑައުން މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީން ގެނެސްދޭނެއެވެ.