ވިޔަފާރި

އަހަރުގެ ފުރަތަމަ 2 ދުވަސް: ފަތުރުވެރިކަމުގެ ނަމްބަރުތަކުން އުއްމީދު


2020 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަނދާނުން ނައްތާލެވޭނެ އަހަރެއް ނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ 48 އަހަރުގެ ދިގު މާޒީގައިވެސް ނިމިދިޔަ އަހަރަކީ އެންމެ ހިތްދަތި އަހަރެވެ. ރާއްޖެއައި ފަތުރުވެރިންގެ ނަންބަރުތައް ވަރަށް ބޮޑަށް ދަށްވެ ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތައް ބަންދުކުރަންޖެހުނެވެ.

2021 ވަނަ އަހަރު ފެށިގެން މިހާރު ކުރިއަށްދާއިރު މިހާތަނަށް ފެންނަ ފަތުރުވެރިންގެ ނަންބަރުތަކުން މިހާރުވެސް ފެންނަނީ އުއްމީދީ މަންޒަރުތަކެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 2 ދުވަހުވެސް ރާއްޖެއަށް 6165 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިމަހުގެ 1 ވަނަ ދުވަހާއި އަޅާބަލާއިރު 2 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 2 ގުނަ އިތުރުވެފައެވެ. ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖެ އައިސްފައިވަނީ 2005 ފަތުރުވެރިންނެވެ. ނަމަވެސް ޖެހިގެންއައި ދުވަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެ 4160 އަށް ވަނީ އަރާފައެވެ.

އަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ 10 ޤައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • ރަޝިއާ: 2276 ފަތުރުވެރިން
  • ޔޫކްރެއިން: 501 ފަތުރުވެރިން
  • އިންޑިއާ: 484 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 392 ފަތުރުވެރިން
  • ކަޒަކިސްތާން: 318 ފަތުރުވެރިން
  • ފްރާންސް: 221 ފަތުރުވެރިން
  • ސްލޮވޭކިއާ: 140 ފަތުރުވެރިން
  • ޔޫ.އެސް.އޭ: 122 ފަތުރުވެރިން
  • އޮސްޓްރިއާ: 118 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 109 ފަތުރުވެރިން

2020 ވަނަ އަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެ އައިސްފައިވަނީ 10944 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް 543 ފެސިލިޓީއެއް އަންނަނީ އޮޕަރޭޓްވެސް ކުރަމުންނެވެ. މި ފެސިލިޓީތަކާއިއެކު ބެޑް ކެޕޭސިޓީ ވަނީ 41000 އަށްވުރެ އިތުރުވެފައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރޭގައި ރިސޯޓް، ސަފާރީ، އަދި ގެސްޓްހައުސްތައް ހިމެނެއެވެ.