ކުޅިވަރު

ދިއްދޫގެ ދަނޑުގެ ޓާފްއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


ހދ. ދިއްދޫގެ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ހަމަޖެހިފަވާ ޓާފްގެ އިތުރުން ދަނޑު ތަރައްގީ ކުރުމަށް ބޭނުންވާ ސަމާނު އެރަށަށް ގެންގޮސްފިއެވެ.

ޔޫތް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވާގޮތުން މިހާރު ވަނީ މިހުރީހާ ސާމާނެއް އެރަށަށް ގެންގޮސްފައެވެ.
ހއ. ދިއްދޫގައި އަޅާ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައި ވަނީ ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މީގެ އިތުރުން ހދ.ނެއްލައިދޫ، ޅ.ހިންނަވަރު އދ. މާމގިލީގެ ދަނޑުގެ މަސައްކަތް ދިއްދޫގެ ދަނޑު ނިމުމުން ކުރިޔަށްދާނެ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދިއްދޫ އަކީ ފުޓްބޯޅައިގެ ފޯރި އޮންނަ ކުލަބްތައް ގިނަ ރަށެކެވެ. އެރަށުގައި އަންނަނީ އަގުބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވެސް ބާއްވަމުންނެވެ.

މި އަހަރު ކުޅިވަރަށް 500 މިލިޔަން ރުފިޔާގެ ބަޖެޓެއް ކުޅިވަރާބެހޭ ވުޒާރާއިން އެކުލަވާލި ނަމަވެސް، މީގެ ކުރިން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ކޮވިޑާއެކު އެ ބަޖެޓުން 200 މިލިޔަނަށްވުރެ ބޮޑު ބައެއް އުނިކުރަން ޖެހުނު ކަމަށް ވިދާޅުވެފައެވެ. މިހާރުވެސް ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި ގިނަ މަޝްރޫއުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތައް ހިމެނެއެވެ.