އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވީޓޯ ކުރެއްވި ޑިފެންސް ފަންޑިންގ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އަނެއްކާވެސް ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
މިއީ ރައީސް ޓްރަމްޕްގެ ވެރިކަމުގެ 4 އަހަރުދުވަހުގެ ތެރޭގައި އެމަނިކުފާނު ވީޓޯ ކުރެއްވި ބިލެއް އަނބުރާ އެމަނިކުފާނުގެ މޭޒަށް ފޮނުވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ރައީސްއެއް ބިލެއް ވީޓޯކުރައްވައިފިނަމަ އެ ބިލެއް އަނބުރާ ތަޞްދީޤްކުރަން ފޮނުވުމަށް ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ތިން ބައި ކުޅަ ދެބައި އަޣްލަބިއްޔިތުން ފާސްވާންޖެހޭނެއެވެ. މިފަހަރުގެ ޑިފެންސް ފަންޑިންގ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައިވަނީ ވެރިކަންކުރާ ރިޕަބްލިކަނުންގެ މެޖޯރިޓީ އޮންނަ ސެނެޓުގެ 81 މެމްބަރުންގެ ވޯޓާއެކުއެވެ.
ރައީސް ޓްރަމްޕާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި މިހާރު މިވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެވަޑައިގަތީ ޤާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ނުކުޅެދުންތެރިކަމުންކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ހިސާބުން މި ޚިޔާލު ތަފާތުވުން ވަނީ އިތުރަށް ބޮޑުވެފައެވެ. ޑިފެންސް ފަންޑިންގ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އަނެއްކާވެސް ތަސްދީޤްކުރަން ފޮނުވާލުމުން މިކަމުގައި އަމަލުކުރާނެ ގޮތެއް އަދި ރައީސް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
ޤައުމުގެ އަސްކަރީ ކަންކަމަށް ފިސްކަލް އަހަރަށް ޚަރަދުކުރުމަށް 740 ބިލިއަން ޑޮލަރު ހިމަނައިގެން މި ބިލް ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ ބޮޑު އަޣުލަބިއްޔަތަކުން ޑިސެމްބަރުމަހު ވަނީ ފާސްކޮށްފައެވެ.
ޑިފެންސް ފަންޑިންގ ބިލް ވީޓޯކުރިކަން ހާމަކޮށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، މި ބިލް ވީޓޯ ކުރެއްވީ އެމެރިކާގެ އަސްކަރީ ވާދަވެރި ޤައުމު ރަޝިޔާއާއި ވިޔަފާރީގެ ވާދަވެރި ޗައިނާއަށް މި ބިލުން ފައިދާވާގޮތަށް ބައެއް ކަންކަން ހަމަޖައްސާފައި ހުރުމުންކަމަށެވެ. އެގޮތުން އެމެރިކާގެ ބައެއް މިލިޓަރީ ބޭސްތައް ބަދަލުކުރަން ނިންމާފައިވާ ގޮތުން މި ދެ ޤައުމަށް ފައިދާ ވާނޭކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން ޖަރުމަނުވިލާތާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ހުރަސްއަޅާ މި ތަންތަނުގައި ތިބި ސިފައިންނަށް އިތުރު ފަންޑުދިނުމަށް ނިންމުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
ޑިފެންސް ފަންޑިންގ ބިލް ރައީސް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ އަދި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓުގެ އަޣުލަބިއްޔަތު އޮންނަ ރިޕަބްލިކަން ޕާޓީން ބޮޑު އަޤްލަބިއްޔަތަކުން ފާސްކުރުމުން އެކަމާވެސް ރައީސް ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ޓްރަމްޕްގެ މި ނިންމުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ހިތާމަކުރަންޖެހޭކަމެއްކަމަށް ޑިމޮކްރެޓިކް ހައުސް ސްޕީކަރ ނޭންސީ ޕެލޯސީ ވަނީ ވިދާޅުވެފައެވެ. މި އަމަލުގެ ސަބަބުން ޤައުމުގެ އަސްކަރިއްޔާ ބަލިކަށިވެ، އެމީހުންގެ އާއިލާތައް ބިކަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަމިއްލަ ޕާޓީގެ މެމްބަރުންނާއި ޚިޔާލު ތަފާތުވެ ރައީސް ޓްރަމްޕް ވަނީ ކޯވިޑް އައު ރިލީފް ޕެކޭޖް ފާސްނުކުރުމަށް ފައިވިއްދާލާފައެވެ. އެހެންނަމަވެސް، ފިއްތުންތައް ބޮޑުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެޤައުމުގެ އައު ރިލީފް ޕެކޭޖް ޑިސެމްބަރު 28 ވަނަ ދުވަހު ވަނީ ތަސްދީޤްކުރައްވާފައެވެ.