ޚަބަރު

މިދިޔަ އަހަރު 800އަށްވުރެ ގިނަ ލަފާ އޭޖީ އޮފީހުން ދިން


މިިދިޔަ އަހަރު ދައުލަތުގެ އެކި މުއައްސަސާތަކަށް 800އަށްވުރެ ގިނަ ޤާނޫނީ ލަފާދީފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަ އަހަރު އެކި މުވައްސާތަކުން ވަނީ 842 ކަމެއްގައި ބަންޑާރަ ނައިބުގެ އޮފީހުގެ ލަފަޔަށް އެދިފައެވެ.

އޭޖީ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަ އަހަރު އެ އޮފީހުގެ ޤާނޫނީ ލަފަޔަކަށް އެދުނު ކަންކަމުގެ ތެރެއިން އެންމެ ކަމެއް ފިޔަވާ ހުރިހާ ކަމެއްގައިވަނީ ޤާނޫނީ ލަފާ ފޯރުކޮށްދީފައެވެ. މިގޮތުން އެކި މުވައްސާތަކުން އެކި ފަރާތްތަކާއި އެކު އެކުލަވާލި އެއްބަސްވުންތައް އެކުލަވާލުމުގައި 267 ލަފަޔަކަށް އެދިފައިވެއެވެ. މީގެއިތުރުން ޤަވައިދުތައް އެކުލަވާލުމަށް 102 ލަފަޔަކާއިއެކު އުސޫލްތައް އެކުލަވާލުމަށް 40 ލަފަޔަކަށް އެދުމުން އެކަންކަމުގައި ބަންޑާރަ ނައިބަށް ފެންނަ ލަފައެއް ދީފާފައިވާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ބިލްތައް ތަސްދީޤުކުރުމަށް 34 ލަފަޔަކަށް އެދިފައިވާކަން ވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 391 އެއް ލަފައެއް އެކި ކަންކަމުގައި ދީފައިވާކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ އަހަރު ދިން ލަފާތަކުގެ ތެރެއިން އެންމެ ގިނަ ލަފާ ދީފައިވަނީ އަހަރުގެ ފުރަތަމަ 6 މަސްދުވަހުއެވެ. އެ މުއްދަތުގެ ތެރޭގައި 440 ކަމަކާއި ގުޅިގެން އެދުނު ލަފާތަކުގެ ތެރެއިން 427 ކަމަކަށް ވަނީ ދައުލަތުގެ ބަންޑާރަ ނައިބަށް ފެންނަ ގޮތް ހިއްސާކުރައްވާފައެވެ. އަހަރުގެ ފަހު 6 މަހު 199 ކަމެއްގައި ލަފަޔަށް އެދިފައިވެއެވެ. އޭގެތެރެއިން 186 ކަމެއްގައި ލަފާ ދީފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.