ޚަބަރު

ކޮމިއުނިޓީ ރިހެބިލިޓޭޝަނާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ފަހިކޮށްދޭނަން: އެން.ޑީ.އޭ


މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހިންގާ ކޮމިއުނިޓީ ރިހެބިލިޓޭޝަންގެ ޙިދުމަތާއެކު، އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ނެޝެނަލް ޑްރަގް އެޖެންސީން ވިދާޅުވެއްޖެއެވެ.

އެން.ޑީ.އޭއިން ކުރިއަށްގެންދާ ފަރުވާގެ ތަފާތު ޕްރޮގްރާމުތަކުގެ ތެރެއިން ވަޒީފާގެ ހުނަރުތައް ތަރައްޤީކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން އެ އެޖެންސީން ވިދާޅުވެއެވެ.

ކޮމިއުނިޓީ ރިހެބިލިޓޭޝަން ސަރވިސްއަކީ މަސްތުވާތަކެތި ބޭނުންކުރާ ނުވަތަ ޕެޑްލްކުރާ ފަރާތްތައް މުޖުތަމަޢުގެ ތެރޭގައި ބަހައްޓައިގެން ފަރުވާދީ، މުޖުތަމަޢުއަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ ނެރުމަށް ނެޝެނަލް ޑްރަގް އެޖެންސީން ކުރިއަށްގެންދާ ފަރުވާގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތަކީ އެ މުޖުތަމަޢުއެއްގެ ތެރޭގައި ބަހައްޓައިގެން ފަރުވާދެވިދާނެ މީހެއްތޯ ކަނޑައަޅަނީ އެން.ޑީ.އޭއިން ޚާއްސަ އެސެސްމެންޓެއް ހެދުމަށްފަހުއެވެ. އަދި ފަރުވާގެ މުއްދަތާއި ފަރުވާގެ ކަންކަން ކުރިއަށްގެންދާނީ އެ ފަރާތެއްގެ ބޭނުންތަކާއި، ދިރިއުޅުމުގައި ޙާޞިލުކުރަން ބޭނުންވާ އަމާޒުތަކަށް ބަލާ، ވަރަށް ބޮޑަށް ކްލައިންޓް ބޭސްޑް އުޞޫލަކުންކަމަށް އެން.ޑީ.އޭއިން ވިދާޅުވެއެވެ.

މި ޙިދުމަތް އަތޮޅުތަކަށް ތަޢާރަފުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކޮމިއުނިޓީ ރިހެބިލިޓޭޝަނަށް ޚާއްސަ ފުރަތަމަ ސެންޓަރު ހުޅުވާފައިވަނީ ގއ. ވިލިނގިލީގައެވެ. 28 ޑިސެމްބަރު 2020 ގައި ހުޅުވި މި ސެންޓަރުން ފަރުވާ ހޯދުމަށް އެދި މިހާތަނަށް 6 ފަރާތެއްގެ އެޕްލިކޭޝަން ލިބިފައިވާކަމަށް އެން.ޑީ.އޭއިން މަޢުލޫމާތުދެއްވައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެން.ޑީ.އޭގެ އަފްޓަރ ކެއަރ ކޯޑިނޭޓަރ މުޙައްމަދު ޞޮބްރީ ވިދާޅުވީ، ކޮމިއުނިޓީ ރިހެބިލިޓޭޝަންގެ ޙިދުމަތަކީ ހަމައެކަނި ކްލިނިކަލް ފަރުވާއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި، އެމީހަކު މަސްތުން ސާފުކޮށް، ކާމިޔާބު ދިރިއުޅުމަކަށް ބިނާކުރުމަށް ބޭނުންވާނެ ތަފާތު މަޢުލޫމާތާއި ހުނަރު ދަސްކޮށްދީ، ވަޒީފާގެ ފުރުޞަތުތައްވެސް މި ޕްރޮގްރާމުގެ ތެރެއިން އެ އެޖެންސީން ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓްރީޓްމަންޓް ޕްލޭން ފުރިހަމަކުރުމަށްފަހުވެސް ފްލޯ-އަޕްތައް ހަދަމުންދާނެކަމަށް ޞޮބްރީ ވިދާޅުވިއެވެ.

"މިއީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުރިއަށްދާނެ ޙިދުމަތެއް. އެގޮތުން ވަޒީފާގެ ފުރުޞަތު ރަށުން ހޯދައިދޭނެ ނިޒާމެއް ޤާއިމުކުރަމުން އަޅުގަނޑުމެން މިހާރު އަލްޓަނޭޓިވްކޮށް މިދަނީ. ސަރުކާރުގެ ބައެއް އިދާރާތަކުންނާއި، ތަންތަނުން މިހާރުވެސް އެބަހުރި ސްލޮޓްތައް ލިބިފައި. ވޮކޭޝަނަލް ޓްރެއިނިންގވެސް ދެވޭނެ" ޞޮބްރީ ވިދާޅުވިއެވެ.

"ދަގެނާ"ގެ ނަމުގައި ޤާއިމުކޮށްފައިވާ މި ސެންޓަރުން ޑްރަގް ޑީޓޮކްސިފިކޭޝަން، ކައުންސިލިންގ، ސައިކޯ-ސޯޝަލް ސަޕޯޓު، ޓްރޭނިންގ، އާފްޓަރކެއަރގެ ޙިދުމަތް ލިބިގެންދާނެކަމަށް އެން.ޑީ.އޭއިން ވިދާޅުވެއެވެ. މި ސެންޓަރުން ކުރިއަށްގެންދާ ފަރުވާގެ ޕްރޮގްރާމުގައި ހިމެނޭ މެޑިކަލް ކޮމްޕޯނެންޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުންނެވެ. އެން.ޑީ.އޭގެ އަމާޒަކީ ގއ. ވިލިނގިލީގައި ފަށާފައިވާ ޕައިލެޓް ޕްރޮޖެކްޓުން ނުކުންނަ ނަތީޖާތަކަށް ބެލުމަށްފަހު ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް މި ޙިދުމަތް ތަޢާރަފުކޮށް، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ކުރާ މަސައްކަތްތަކުގައި މުޖުތަމަޢުގެ އެހީތެރިކަމާއި ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރުކުރުންކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.