ވިޔަފާރި

އަހަރުގެ ފުރަތަމަ ކާގޯ ދަތުރުގައި ކުޅުދުއްފުށްޓަށް 700 ޓަނުގެ މުދާ


ކާގޯ ފެރީ 700 ޓަނުގެ މުދަލާއެކު މިއަދު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

ކާގޯ ފެރީ ކުޅުދުއްފުއްޓަށް ދަނީ ކޮޗިންއިން ޓުޓިކޮރިންއަށް، ޓުޓިކޮރިންއިން މާލެއަށް އަދި މާލެއިން ކުޅުދުއްފުއްޓަށެވެ. ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނީ މިފަހަރުގެ ކާގޯ ފެރީގައި 700 ޓަނުގެ މުދާ ގެނެސްފައިވާކަމަށެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާންމު މުދަލެވެ. މިއީ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އައި 4 ވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް ކާގޯ ފެރީއިން ކުޅުދުއްފުއްޓަށް ގެންނަ މުދަލުގެ އަދަދު އިތުރުވަމުންއަންނަކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނެއެވެ.

ކޮޗިން ފެރީން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ބުނެއެވެ. އެ ކުންފުނީގެ ހޮޓްލައިންއަށް ނުވަތަ އީމެއިލް މެދުވެރިކޮށް މުދާ ގެނައުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އިންޑިއާގެ ކޮޗިންއާއި ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ދޭން ނިންމާފައިވަނީ، ސަރަހައްދުގެ ވިޔަފާރިތައް ކުރިއެރުވުމާއި އަދި އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ޤައުމުތަކަށް ޕްރޮމޯޓްކޮށް މަންފާ ހޯދުމަށްވެސް މަގުފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކާގޯ ފެރީ ރާއްޖެ އައުމަށާއި ރާއްޖެއިން އެނބުރި ކޮޗިންއަށް ދިއުމަށް 10 ދުވަސް ހޭދަވާނެކަމަށް ސްޓޭޓް ޝިޕިންއިން ބުނެއެވެ. އެހެންކަމުން މަހަކު ބޭއްވޭނެކަމަށް ލަފާކުރަނީ 3 ދަތުރެވެ.