މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ވިލިނގިލީ އޮޑިޝަން ފަށައިފި


މޯލްޑިވިއަން އައިޑަލްގެ ދެވަނަ އޮޑިޝަން ގއ. ވިލިނގިލީގައި މިއަދު ފަށައިފިއެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ވިލިނގިލީ އޮޑިޝަންތައް ކުރިއަށްދަނީ އެރަށުގައި ހުންނަ އަތޮޅުގޭގައެވެ. މޯލްޑިވިއަން އައިޑަލްގެ ވިލިނގިލީ އޮޑިޝަން މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، ވިލިނގިލީގެ އިތުރުން ގއ. އަތޮޅު ގެމަނަފުށި، ކޮލަމާފުށި، މާމެންދޫ، ދާންދޫ، އަދި ކަނޑުހުޅުދޫން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ގދ. ތިނަދޫ އަދި ގައްދޫންވެސް މިފަހަރުގެ އޮޑިޝަންގައި ބައިވެރިވެފައިވޭ. ހަމައެހެންމެ ރ. މާކުރަތުންވެސް ބައިވެރިއަކު މި އޮޑިޝަންގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އޮޑިޝަންގައި ބައިވެރިވުމަށްޓަކައި މިއަދު ހެނދުނުން ފެށިގެން ނަންނޯޓްކޮށް، ރަޖިސްޓްރޭޝަންގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބާއްވަނީ އޯޕަން އޮޑިޝަނެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި 2 އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ފެށުމަށް ބާއްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ 3 ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ.މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްގެންގޮސް، މި ޝޯވގެ ދެވަނަ ޕްރޮގްރާމް ޝޫޓް ކުރުމުގެ މަސައްކަތުގައި ޕީ.އެސް.އެމްގެ ތިރީހަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ޓީމެއް ވިލިނގިލީގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިޓީމްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާނީ ޕީ.އެސް.އެމްގެ ޑިރެކްޓަރ އީ- ކޮމާރސް އެންޑް މާކެޓިންގ އިބްރާހިމް ނަސްރީނާއި  މޯލްޑިވިއަން އައިޑަލްގެ ކްރެއިރޭޓީވް ޑިރެކްޓަރ މުޢާވިއަތު އަންވަރެވެ. ވިލިނގިލީގައި އޮޑިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގއ އަތޮޅު ކައުންސިލްގެ އިތުރުން ވިލިނގިލީ ކައުންސިލާއި މިރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ލިބެމުންދާކަން ޕީ.އެސް.އެމްގެ ޓީމުން ފާހަގަކުރެއެވެ.