ވިޔަފާރި

އެމެރިކާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ


މިއަހަރުތެރޭ އެމެރިކާ ފަތުރުވެރިން ޗުއްޓީއަށް ދާން އެންމެ ބޭނުންވާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އެކްސްޕީޑިއާއިން ހާމަކޮށްފިއެވެ.

ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ ތަފާތު އެކި ކަހަލަ މައުލޫމާތުތައް ފޯރުކޮށްދޭ އެކްސްޕީޑިއާއިން ނެރެފައިވާ 'އެކްސްޕީޑިއާ ޓްރެވަލް ޓްރެންޑްސް' ރިޕޯޓުގައިވާ ގޮތުން އެމެރިކާ ފަތުރުވެރިންގެ މެދުގައި ޑިމާންޑު ބޮޑީ މޫދާއި ހިތްގައިމު ގޮނޑުދޮށްތައް ހިމެނޭ މަންޒިލްތައް ކަމަށެވެ.

އެގޮތުން އެމެރިކާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް 10 މަންޒިލެއް ހޮވާފައިވާއިރު، މީގެތެރޭގައި ގިނައީ މިފަދަ މަންޒިލްތަކެކެވެ.

ރާއްޖެއަށް މި ލިސްޓުން ލިބިފައިވަނީ 6 ވަނަ އެވެ. އެކްސްޕީޑިއާއިން ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ ގުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ލިބިފައިވާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް އެެމެރިކާ ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލެއް ކަމަށް އެކްސްޕީޑިއާއިން ފާހަގަކުރިއެވެ.

ރާއްޖޭގެ އިތުރުން މި ލިސްޓުގައި، ބަހާމަސް އާއި، އަރުބާ، ފްރެންޗު ޕޮލިނީޝިއާ ފަދަ މަންޒިލްތައް ޖާގަ ހޯދާފައިވެއެވެ. މި ލިސްޓުގެ އެއްވަނަ އަށް އައިސްފައިވަނީ މެކްސިކޯގެ ކެންކުންއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމެރިކާއިން ރާއްޖެއަށް 16754 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއާ އެކު އެމެރިކާވެފައި ވަނީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މަންޒިލަށެވެ.