ޚަބަރު

ކައިވެނި ހަފްލާ ކްލަސްޓަރއިން 78 މީހުން ޕޮޒިޓިވްވެ، ކޮންޓެކްޓުން އިތުރުވަނީ


މާލޭގައި އޮތް ކައިވެނީގެ ޙަފްލާއަކުން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވްވެ އުފެދުނު ކްލަސްޓަރގައި މިހާތަނަށް 78 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު މާލޭގައި އޮތް ކައިވެނީގެ ޙަފްލާއަކުން އެންމެ ފުރަތަމަ ކޭސް ޕޮޒިޓިވްވެފައިވަނީ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް އެކްލަސްޓަރގެ ތެރެއިން 78 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ހިމެނެއެވެ. މީގެ އިތުރުން ކައިވެނީގެ ޙަފްލާގައި ބައިވެރިވި މީހުންގެ ތެރޭގައި ހައިރިސްކު ގިނަބަޔަކު ފާހަގަވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި ދާއިމީ އެކި ބަލިތަކަށް ބޭސްކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން ޢުމުރުން 8 މަހާއި 9 މަހުގެ ތުއްތު ކުދިންވެސް ވަނީ މިކްލަސްޓަރ އާއި ގުޅިގެން ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވަމުންދާ ކޭސްތަކާއެކު އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިކޭސްތަކާއި ގުޅިގެން ޕޮޒިޓިވްވާ ފަރާތްތަކާއި ބައްދަލުވެފައިވާ ފަރާތެއްވާނަމަ އެކަން ވީ އެންމެ އަވަހަކަށް އެޗްޕީއޭއިގެ ހޮޓްލައިން މެދުވެރިކޮށް އެނގުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ކައިވެނީގެ ޙަލްފާއަށް ދިޔަ މީހުންގެ ތެރޭގައި ކޯވިޑް-19ގެ ޢަލާމާތްތައް ހުރި މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެވްރެޖްކޮށް 25 އަށްވުރެ ދަށުގައި ހުރުމަށްފަހު އަލުން މިހާރުވަނީ އިތުރުވާން ފަށާފައެވެ. މީގެ ތެރޭގައި މާލޭގައި އޮތް ކައިވެނީގެ ހަފްލާއާއި ގުޅިގެން އުފެދިފައިވާ ކްލަސްޓަރ އިން ޕޮޒިޓިވްވަމުންދާ މީހުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވުމާއި ގުޅިގެން އަންނަ އިމްޕޯޓެޑް ކޭސްތައް ފާހަގަކުރެވެއެވެ. އެގޮތުންވެސް ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނަނީ ސަފާރީތަކުންވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް މިހާރު ދެއްވާފައިވާއިރު އަދިވެސް ނުރައްކާ ކުޑަކުރެވެނޭކަން ޤަބޫލުކޮށް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

އަލީ ހުސައިން

އެ ސޮރު ކައިރީބުނެބަލަ ތި ކައިވެންޏަށް އިންވައިޓްކުރި މީހުންގެ ލިސްޓް އާންމުކޮށްދޭށޭ. އޭރުންނު ފަސޭހައެއްކޮށްލަދެވޭނީ އެޗްޕީއޭއަށް