ދުނިޔެ

އީރާނުން ވަނީ ނިއުކުލިއާ އުފެއްދުން އިތުރުކޮށްފައި - އައި.އޭ.އީ


އީރާނުން ޔޫރެނިއަމް ފައްކާކުރާ މިންވަރު 20 އިންސައްތައަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެ ޤައުމުން އދ އަށް އަންގައިފިއެވެ.

2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއިއެކު އީރާނުން ވެފައިވާ ނިއުކުލިއާ އެއްބަސްވުމުގެ ކުރިން އީރާނުން ދިޔައީ އެ ޤައުމުގެ ފޯޑޯ ފިއުލް އެންރިޗްމަންޓު ޕުލާންޓުގައި އެ މިންވަރަށް ޔުރޭނިއަމް ފައްކާކުރަމުންނެވެ.

އިންޓަނޭޝަނަލް އެޓޮމިކް އޭޖެންސީ (އައިއޭއީއޭ)އިން ބުނީ އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ފަހުގެ ނިންމުމަކާއި އެއްގޮތަށް އެ ޤައުމުން (އެލްއީޔޫ) ފައްކާކުރާ މިންވަރު 20 އިންސައްތައަށް އިތުރުކުރުމަށް ގަސްތުކުރާކަމަށް އަންގައިފައިވާކަމަށެވެ. އެކަން އަންގާ އީރާނުން ފޮނުވި ސިޓީގައި އެ މަސައްކަތް ފަށާނީ ކޮންއިރަކު ކަމެއް ބަޔާންކޮށްފައި ނުވާކަމަށް އައިއޭއީއޭއިން ބުނެއެވެ.

އީރާނުގެ އެންމެ އިސް ނިއުކުލިއާ ސައިންސްވެރިޔާ، މުޙްސިން ފަޚްރެޒާދީ މަރާލުމާއި ގުޅިގެން މިދިޔަ މަހުގެ ތެރޭގައި އީރާނުގެ ޤާނޫނު ހަދާ މަޖިލީހުންވަނީ އެ ޤައުމުގައި ޔުރޭނިއަމް ފައްކާކުރާ މިންވަރު އިތުރުކުރުމަށް ޤާނޫނެއް ފާސްކޮށްފައެވެ. އީރާނުން ބުނަނީ ފަޚްރެޒާދީ މަރާލީ އިސްރާއީލުންކަމަށެވެ.

މިހާރުވެސް އީރާނުންދަނީ ފޯޑޯ ފިއުލް އެންރިޗްމަންޓު ޕުލާންޓުގައި ވަރުގަދަ ސެންޓްރި ފިއުޖްތައް ބޭނުންކޮށްގެން ޔުރޭނިއަމް ފައްކާކުރަމުންނެވެ. ބޮމުގެ ޙާމަލާއެއް ފަދަ ޙާމަލާއަކުން ރައްކާތެރިކުރުމަށް ފަރުބަދައެއްގެ ތެރޭގައި ޤާއިމްކޮށްފައިވާ އެ ޕުލާންޓުގައި ޔުރޭނިއަމް ފައްކާކުރުމަށް 2015ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމުގެ ދަށުން ފުރުޞަތެއް ނުލިބެއެވެ.

2015ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އީރާނުން ނިއުކުލިއާ ބޮމެއް ތައްޔާރުކުރުމަށް ބޭނުންވާ 'ފިސައިލް މެޓީރިއަލް' ތައްޔާރުކުރުމަށް ނަގާ ވަގުތު އިތުރުކުރުމެވެ. އެގޮތުން އެއްބަސްވުން ތައްޔާރުކޮށްފައިވަނީ ދެ ތިން މަސް ދުވަހުގެ ތެރޭގައި އުފައްދާ ފިސައިލް މެޓީރިއަލް އެއް އަހަރު ދުވަހުގެ ތެރޭގައި އުފެއްދޭ ވަރަށް ނިއުކުލިއާ މަސައްކަތްތައް ލަސްވާ ގޮތަށެވެ. އޭގެ އިތުރުން، އީރާނާއި ދެކޮޅަށް އަޅާފައިވާ ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތައްވެސްވަނީ އެ އެއްބަސްވުމުގެ ދަށުން އުވާލައިފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކާއި އައިއޭއީއޭއިން ބުނަނީ އިރާނުން ދިޔައީ ނިއުކިލިއާ ސިއްރު މަޝްރޫޢުއެއް ހިންގަމުންނެވެ. ނަމަވެސް އީރާނުންދަނީ އެފަދަ މަޝްރޫޢުއެއް އެ ޤައުމުގައި އެއްވެސް ޒަމާނެއްގައި ހިންގާފައިނުވާކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

2015ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ވެރިކަމުގައި އެމެރިކާއިން ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް އެޅުމުން އީރާނުންވަނީ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ހުއްޓާލާފައެވެ.

އީރާނުން ބުނީ އެމެރިކާއިން އަލުން އެ އެއްބަސްވުމަށް ރުޖޫޢަވެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ އަލުން އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރާނެކަމަށެވެ. ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ ރިޔާސަތާއި ޙަވާލުވުމަށް ތައްޔާރުވަމުންދާ އެ ޤައުމުގެ އިންތިޚާބީ ރައީސް، ޖޯ ބައިޑަންވަނީ އީރާނުން އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރާނަމަ ނިއުކުލިއާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިކުރާނެކަމަށް ވިދާޅުވެފައެވެ