ވިޔަފާރި

2020 : އެމްޓީސީސީގެ ތާރީޙުގައިވެސް އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވުނު އަހަރު


މި ނިމުނު އަހަރަކީ އެމްޓީސީސީގެ ތާރީޙުގައިވެސް އެއް އަހަރު ދުވަސްތެރޭ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވުނު އަހަރުކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވަނީ މިދިޔަ އަހަރުތެރޭ ބޮޑެތި ދަތިތަކަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިކަން ފާހަގަކޮށް އާދަމް އާޒިމް ވިދާޅުވީ، 2020 ވަނަ އަހަރު 34 މަޝްރޫޢެއްގެ މަސައްކަތް އެކުންފުނިން ނިންމާލާފައިވާ ކަމަށެވެ.

އާޒިމް ވަނީ އެމްޓީސީސީން ހޯދި ކާމިޔާބީއަށް އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

އެމްޓީސީސީއިން މި ނިމުނު އަހަރު 34 މަޝްރޫޢެއްގަ މަސައްކަތް ނިންމާލާފައިވާއިރު، އެ އަހަރުތެރޭ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވިފައިވަނީ އޭޕްރީލް އަދި ޑިސެމްބަރުމަހުގެތެރޭއެވެ. އެގޮތުން އޭޕްރީލް އަދި ޑިސެމްބަރުމަހުތެރޭ ކޮންމެ މަހެއްގައިވެސް 6 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފައެވެ.

ނިމުނު އަހަރުތެރޭ އެމްޓީސީސީން ނިންމާފައިވާ ފާހަގަކޮށްލެވޭ މަޝްރޫޢުތަކުގެތެރޭގައި، ގދ.މާވަރުލު އެއަރޕޯޓުގެ ޓަރމިނަލް އާއި އެއާރ އެއަރޕޯޓާއި ގުޅުންހުރި އިތުރު ބައެއް ތަންތަން ތަރައްޤީކުރުމާއި، ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ފުވައްމުލަކު ރިންގު ރޯޑުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އެމްޓީސީސީގެ މަސައްކަތްތައް މިހާރު ވަނީ ހަލުވިވެފައެވެ. އެގޮތުން ޑޮމެސްޓިކް އެއާޕޯޓެއް ނިންމަން ކުރިން އަހަރުތަކެއް ނެގިނަމަވެސް މިހާރު އެމުއްދަތު ވަނީ މަދު މަސްތަކަކަށް ކުޑަކުރެވިފައެވެ. ދާދިފަހުން ހުޅުވި ހޯރަފުށީ އެއަރޕޯޓަކީ މިކަމުގެ ހެއްކެކެވެ. ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި މި އެއަރޕޯޓް ތަރައްޤީކުރަން ނެގީ 18 މަސްދުވަހެވެ. އަދި ކުރިން ދޮޅު އަހަރުން ނިންމާ ބަނދަރަށް މިހާރު ނަގާނީ އަށެއްކަ މަސް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދެހާހާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން އެމްޓީސީސީގައި މަސައްކަތްކުރަމުން އަންނައިރު ދިވެހިންނަށް ޙާއްސަ އިސްކަމެއްވެސް އެމްޓީސީސީން އަންނަނީ ދެމުންނެވެ. އެގޮތުން ދާދިފަހުން އެމްޓީސީސީއިން ވަނީ އެ ކުންފުނީގެ ކޮންނަ ބޯޓު "މަހާޖައްރާފު" ގެ ފަޅުވެރިން 100 އިންސައްތަ ދިވެހިންނަށްވެސް ބަދަލުކޮށްފައެވެ.

ދަތި އުނދަގޫތަކަކާއި އެކުވެސް އެމްޓީސީސީން މިއަހަރު ދައްކުވައިދީފައި ވަނީ ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް މަސައްކަތް ކޮށްފިނަމަ ގެއްލުމުން އަރައިގަނެ ފައިދާ ހޯދިދާނެކަމެވެ.

އެމްޓީސީސީގެ ތަފާސް ހިސާބުތައް ދާއްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެތެރޭ އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި، 952 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އެމްޓީސީސީ ތާރީހުގައިވެސް އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ފައިދާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީން ލަފާކޮށްފައިވަނީ މިދިޔަ 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.