ޚަބަރު

މާލޭ ރޯޑްސްކޭޕިންގްގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނިހިނގުން ހުޅުވައިފި


މާލޭ ރޯޑްސްކޭޕިންގްގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނިހިނގުން މިއަދު ހުޅުވައިފިއެވެ. މި މަގު ހުޅުވާފައިވަނީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި މިއަދު ފާހަގަކުރި ފައިމަގުގައި އުޅޭ ވަގުތާއި ގުޅުވައިގެންނެވެ.

ކަނބާ އައިސަރަނިހިނގުން ހުޅުވާދެއްވާފަވަނީ މާލެ ސިޓީގެ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޭއްވި ޚާއްޞަ ހިނގާލުމަކުންނެވެ. މި ހިނގާލުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދާއި ރައްޔިތުންގެ މަޖިލިސްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުޙައްމަދު ފަލާހް އާއި ސިޓީކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަނބާ އައިސަރަނިހިނގުން އަލުން މަރާމާތުކޮށް ތަރައްޤީކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ. ވިއްސާރަ ދުވަސްވަރު މި މަގުގައި ފެންބޮޑުވުމާއި އަޑިގުޑަން ހުރުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިން ދިމާވި ނަމަވެސް މި ޕްރޮޖެކްޓާއެކު މި ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި މަގު އަލުން ތަރައްޤީކޮށްގައިވަނީ އެކި ބޭނުންތަކަށް ކޮންނަން ނުޖެހޭގޮތަށާއި ގުޅިފައިވާ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ޕާކުކުރުމަށް ހާއްސަ ސަރަހައްދުތަކާއި، ޓެކްސީ ހުއްޓުމަށް ވަކި ސަރަހައްދުތަކެއްވެސް ޚާއްޞަ ކޮށްގެންނެވެ.

މާލެ ސިޓީގެ މަގުތައް ތަރައްޤީ ކުރުމަށް ސްޓްރީޓް ސްކޭޕިންގް ގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހް ފައްޓަވާދެއްވީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހުއެވެ.