ދުނިޔޭގެ ވިޔަފާރި

ލައިސަންސް ނެތި ހިންގާ ޗައިނާގެ 39ހާސް އެޕެއް، އެޕްސްޓޯއިން ނަގައިފި


ލައިސަންސް ނެތި ހިންގާ ޗައިނާގެ 39 ހާސް އެޕެއް، އެޕް ސްޓޯއިން ނަގައިފިއެވެ.

މީގެ ކުރިންވެސް އެޕަލްއިން ވަނީ ލައިސަންސް ނެތި ހިންގާ އެކި އެޕްތައް އެޕް ސްޓޯއިން ނަގާފައެވެ. އެހެންނަމަވެސް، މިއީ އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ އެޕް، އެޕް ސްޓޯއިން ނެގި ފަހަރެވެ. ލައިސަންސް ނެތި ހިންގާ ޗައިނާގެ ތިރީސް ނުވަހާސް އެޕެއް، އެޕް ސްޓޯއިން މިފަހަރު ނެގުމާއެކު މިހާރު މިފަދަ ގޮތަކަށް އެޕް ސްޓޯއިން ނެގި އެޕްތަކުގެ ޖުމްލަ އަދަދު ވަނީ ސާޅީސް ހަހާށްވުރެ މައްޗަށް އަރާފައެވެ.

އެޕް ސްޓޯއިން މިދިޔަ ބުރާސްފަތިދުވަހު ނެގި އެޕްތަކުގެ ތެރޭގައި ޗައިނާގެ ކުންފުނިތަކުން ހިންގާ މަޝްހޫރު ގޭމްތަކާއި، އެކި ބޭނުންތަކަށް ބޭނުންކުރާ މުއާސަލާތީ އެޕްތައް ހިމެނެއެވެ. މީގެ ތެރޭގައި ދިވެހިންގެ މެދުގައި މަޝްހޫރު ގޭމްއެއްކަމުގައިވާ އެސޭސިންސް ކްރީޑް އައިޑެންޓިޓީ ގޭމްވެސް ހިމެނެއެވެ. އެޕްލްއިން ވަނީ މި އެޕްތަކުން ސަރުކާރުގެ ލައިސަންސް ހޯދާ، އެޕަލްއަށް އަންނަ ޖޫން މަހުގެ ކުރިން ހުށަހެޅުމަށް އަންގާފައެވެ. އަދި އެ މުޙުލަތުގައި މިކަން ނުކުރެވިއްޖެނަމަ މި އެޕްތައް، އެޕް ސްޓޯއަށް އަނބުރާ ނުގެންނާނެކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.

ޗައިނާ ކުންފުނިތަކުގެ އެޕްލިކޭޝަންތައް އެމެރިކާއިން މަނާކުރާނަމަ، އެމެރިކާ ކުންފުނިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ޗައިނާއިންވެސް މަނާކުރާނެކަމުގެ އިންޒާރު ޗައިނާގެ އޮފިޝަލަކު ވަނީ ދީފައެވެ. ޗައިނާގެ ޓިކްޓޮކްއާއި ވީޗެޓް އެމެރިކާގައި މަނާކުރުމަށް ކަނޑައަޅާފައިވުމުން މިކަމުގެ ހިތްހަމަނުޖެހުންވެސް ޗައިނާއިން ވަނީ ފާޅުކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވިދާޅުވީ ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާއިން މަނާކުރާނަމަ، އެމެރިކާގެ އައިފޯނާއި އެޕަލްގެ އުފެއްދުންތައް ޗައިނާގައި ވިއްކަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.