ސިޔާސީ

ދާޚިލީ ކަންކަން އަމިއްލައަށް ނިންމުމުގެ ފުރުސަތު ދިވެހިން ބޭނުން


ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ޤައުމެއް ނަމަވެސް ރާއްޖޭގެ ދާހިލީ ކަންތައްތައް، ޤައުމުގެ ތެރެއިން ނިންމުމުގެ ފުރުސަތު ދިނުމަށް ދިވެހިން އެދޭ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.ވޮއިސް އޮފް އެމެރިކާ ސައުތު އީސްޓް އޭޝިޔާ އެޑިޝަން އިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޖަލު ހުކުމުގެ މައްސަލައިގައި ކުރިމަތިކުރި ސުވާލެއްގެ ޖަވާބުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިއްވުނު ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ނަޝީދަށް އޮތްނަމަވެސް އެފުރުސަތުގެ ބޭނުން ރައީސް ނަޝީދު ހިފާފައިނުވާކަމަށެވެ.މިމައްސަލަ ފެށިގެން ދިޔަ ގޮތާއި، މައްސަލައަށް ވީދުވަހުގެ މައްޗަށް އަލި އަޅުވާލައްވަމުން، މައްސަލަ ފެށިގެން ދިޔައީ، ރައީސް ނަޝީދުގެ ދައުރުގައި ފަނޑިޔާރަކު ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާ ގުޅިގެންކަން ފާހަގަ ކުރެއްވިއެވެ. އަދި އޭރު ފަނޑިޔާރު ދޫކޮށްލުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލުމުންވެސް އެކަން ކުރައްވާފައި ނުވާކަމަށާއި، އެންމެފަހުން، އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން ފާހަގަ ކުރެއްވިއެވެ. އަދި ފުރަތަމަ މިމައްސަލަ ކޯޓަށް ހުށަހެޅީ ވެސް ނަޝީދުގެ ދައުރުގައި އައްޔަން ކުރި ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށާއި، މައްސަލައަށް 2 އަހަރު ވާން އުޅެނިކޮށް މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ރާއްޖޭގެ ޤާނޫނުތަކުން ތަންދޭތީ، ނަޝީދުގެ މައްޗަށް ކުރެވިގެން ދިޔައީ، ޓެރަރިޒަމްގެ ދައުވާ ކަމަށާއި، އެދައުވާއަށް ކުށް ސާބިތުވެ، އެމަނިކުފާނު މިހާރު އެގެންދަވަނީ 13 އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރަމުންކަމަށް ދުންޔާ ބަޔާންކުރެއްވިއެވެ.ބޭރު ދުނިޔޭގެ ބައެއް ފަރާތްތަކުން، ނަޝީދު ދޫކޮށްލަން ގޮވާލިނަމަވެސް ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ނަޝީދުގެ މައްޗަށް ޝަރީޢަތްކުރެވި ހުކުމްކުރެވިފައިވާއިރު، ދިވެހިންގެ ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާނޫނުގެ ހުކުމަކީ ހުރިހާ އެންމެނަށް އެއްހަމައެއްގައި ފޯރަންޖެހޭ އެއްޗެއް ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން އިސްތިއުނާފު ކުރުމުގެ މަރުހަލާ އަދިވެސް ހުޅުވިފައި އޮތްކަން ފާހަގަކުރެއްވިއެވެ.