ވިޔަފާރި

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ކައުންޑައުންއާއެކު ޙާއްސަ މެސެޖްތަކެއް


2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަކުރަން ނިންމައި ޙާއްސަ ކައުންޑައުންއެއް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވަނީ އެ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށްވާތީއެވެ.

މި ކައުންޓްޑައުން މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޙާއްސަ ވީޑިއޯ މެސެޖްތައް ދައްކާނެއެވެ. މި ކައުންޓްޑައުން މުޅި މި އަހަރަށް ބަހާލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

"ފަތުރުވެރިކަމުގެ ރަންއަހަރު 2022" ކައުންޓްޑައުން އިފްތިތާހްކޮށްފައިވަނީ ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާ އަދި ރާއްޖޭގައި ފަތުރުވެރިކަން ފެށުމުގައި އިސްކޮއް ހަރަކާތްތެރިވި އިޓަލީ ވިލާތުގެ ޖޯޖް ކޯބިންގެ ވީޑިއޯ މެސެޖަކުންނެވެ.
މި މެސެޖްގައި ކޯބިން ބުނެފައިވަނީ، މީގެ 48 އަހަރު ކުރިން ސްރީލަންކާގެ ކާގޯ ބޯޓަކަށް އެރީ ރާއްޖެ އައުމަށްކަމަށެވެ. މި ދަތުރުގައި ރާއްޖޭގެ ގިނަ ރަށްރަށައް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދިޔަޔަކަމަށެވެ. ރާއްޖޭގެ ރައްތައް ސިފަކުރެވޭ އޮތީ އެންމެ ގޮތެއްކަން ފާހަގަކުރައްވައި ކޯބިން ބުނީ އެއީ "ދުނިޔެމަތީގެ ސުވަރުގެ" ކަމަށެވެ. ރާއްޖޭގައި 120 ރިސޯޓް ހުރިއިރު މި ރިސޯޓްތަކުން ފަތުރުވެރިއަކުން ކުރަން ބޭނުންވާ މޫދުކުޅިވަރެއް ހިތައް އަރުވާލުމުން އެކަމެއް ފަތުރުވެރިންނަށް ކުރެވޭނެކަމަށްވެސް މި މެސެޖްގައި ކޯބިން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށް ވުމުގެ ސަބަބުން އަންނަ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމުގެ މަސައްކަތްތައް ދާއިރާގެ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ.