ކުޅިވަރު

އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑް ކޮށްފި



އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އުރުގުއާއީގެ ފޯވާޑް އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑް ކޮށްފިއެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ކަވާނި ސަސްޕެންޑް ކުރީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބޭއަދަބީ ބަސްތަކެއް ބޭނުން ކޮށްފައިވާތީއެވެ.

ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން ސަތޭކަ ހާސް ޕައުންޑުން އޭނާވަނީ ޖޫރިމަނާވެސް ކޮށްފައެވެ. ކަވާނީ އޭނާގެ އިންސްޓަގްރާމުގައި މެސެޖް ޕޯސްޓް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ސައުތުހެމްޓަންއާ ބައްދަލުކޮށް މެންޗެސްޓަރ ޔުނައިޓެޑް ފަހަތުން އަރާ 3 ލަނޑު 2 ލަނޑުން މޮޅުވި މެޗަށްފަހު އޭނާގެ ރަހުމެތްތެރިޔަކު ކުރި ޕޯސްޓަކަށް ޝުކުރުއަދާކުރުމުގެ ގޮތުން ލިޔުނު މެސެޖްގައެވެ. އަދި މެސެޖް ޕޯސްޓް ކުރިތާ މާގިނަ އިރުތަކެއް ނުވެ އޭނާވަނީ އެމެސެޖް ފޮހެލާފައެވެ. އަދި އޭނާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.

ކަވާނީގެ ސަސްޕެންޝަނަށް މިއަދުން ފެށިގެން އަމަލު ކުރަން ފެށޭނެއެވެ. މިގޮތުން މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރާ މެޗްގައި ކަވާނީއަކަށް ނުކުޅެވޭނެއެވެ. މީގެއިތުރުން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކަރަބާއޮ ކަޕްގެ ސެމީފައިނަލްގައި މެންޗެސްޓަރ ސިޓީއާ ބައްދަލު ކުރާ މެޗާއި ޖެނުއަރީ 9 ވަނަ ދުވަހު އިނގިރޭސި އެފްއޭ ކަޕްގައި ވަޓްފޯޑްއާ ބައްދަލު ކުރާ މެޗްގައިވެސް ކަވާނީއަކަށް ނުކުޅެވޭނެއެވެ.