ސިޔާސީ

ސަރުކާރު ހިންގުމުގެ ނިޒާމް ހުއްޓުމަކަށްނާދޭ- މިނިސްޓަރ ސައީދު


ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާގެ މިދަނޑިވަޅުގައިވެސް ސަރުކާރު ހިންގުމުގެ ނިޒާމް ހުއްޓުމަކަށް ނާންނަކަމަށާއި، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއްވެސް އެންމެ ބާރުމިނުގައި ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިޖްތިމާޢީ، އިގްތިޞާދީ އަދި އަދާލަތުގެ ނިޒާމް ކުރިއަރުވާ، ބާރު ދުވެލީގައި ތަރައްޤީ ހިނގަމުން ދިޔަ ދަނޑިވަޅެއްގައި ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަކީ ސީދާ ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް، އަވާހާރަކޮށްލުމަށް ދިން ހަމަލާއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. ޕީއެސްއެމްގެ ރާއްޖެމިއަދުގެ ޚާއްސަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި ހިނގިި ހާދިސާއަށްފަހު، މިދަތި ދުވަސްތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހިންގުންތެރިކަމާއި ކެތްތެރިކަމާއި، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތައް އެއްވެސް ހީނަރުކަމެއެއް ނައިސް ކުރިއަށްދާކަމަށެވެ.މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންއައިސްފައި ވީނަމަވެސްް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުންތަކެއް ހޯދަމުންދާ މިދަނޑިވަޅުގައި، އަދި ފަހުގެ ތާރީޚުގައި ރާއްޖެއިން ފެނިފައިނުވާ ތަރައްޤީއާއި، ރާއްޖޭގެ އިޖްތިމާއީ އަދާލަތު ކުރިއަރަމުން ދިޔަ ދަނޑިވަޅެއްގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ހަމަލާއެއް ދިނުމުގެ ބޭނުމަކީ ކޮބައިކަން ހުރިހާ ފަރާތްތަކުންވެސް ވިސްނެވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އޮންނެވި ހާލުކޮޅުގައި ރައީސް ޔާމީން އޮންނަން ޖެހިވަޑައިގެންނެވިނަމަ ޤައުމުގެ ހިންގުން އޮންނާނެ ގޮތަކާމެދު މިނިސްޓަރ ސުވާލު އުފެއްދެވިއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ އާއްމުކޮށް ރައީސް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅުގެ ދަށުންކަމަށާއި، ނަމަވެސްް ކަންދިމާކުރި ގޮތުން އެ ގޮނޑީގައި އެދުވަހު އިންނެވީ އެމަނިކުފާނުގެ އަނބިކަނބަލުންކަމަށެވެ. އެ ގޮވުން ލޯންޗުކޮޅުގައި ގޮވި ބާރުމިނުގައި ރައީސަށް އެކަން ކުރިމަތިވެވަޑަގެންނެވިނަމަ ލޯންޗްކޮޅުގެ ދޮރުފަތުގައި ޖެހި މާބޮޑަށް އަނިޔާވެވަޑައިގަތީސް ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށެވެ. އެ ގޮވުމާއި އެކު ރައީސްގެ އަނބިކަނބަލުން ދިހަވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ދިޔަކަމަށާއި، އެ ހާދިސާގައި އެކަމަނާގެ މައިބަދައާ ގުޅުން ހުރި ކަށިތަކުގެ ހަތް ތަނެއްގައި ވަނީ ރެނދު ލާފައިކަމަށް ވިދާޅުވިއެވެ. މި ހާދިސާ އަކީ ރާއްޖޭގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގައުމުގެ ރައީސް އަވަހާރަކޮށްލަން، ލޯންޗްގައި އެއްޗެއް ގޮއްވާލީ، މޮޅަށް އެކަން ކުރަން ދަންނަ ބަޔަކު ކަމަށާއި، މި ނުރައްކާތެރި ހަމަލާއަކީ ފައިސާއާއި އެކަމަށްބޭނުންވާ ވަސީލަތްތައް ހޯދައިގެން ދުރާލާ ރާވައިގެން ހިންގާފައިވާ ނުރައްކާތެރި ޖަރީމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހަމަލާއަކީ، ސަރުކާރު ހިންގުމުގެ ނިޒާމް މިހާ ކާމިޔާބުކޮށް ކުރިއަށްދާއިރު މިފަދަ ކުރިއެރުންތައް ހުއްޓުވާ އިޤްތިޞާދީ ދުވެލި މަޑުޖައްސަލާ ރާއްޖޭގައި ހަލަބޮލިކަން އުފައްދައި ނިޒާމް ބަދަލުކޮށްލުމަށް ކުރި ކަމެއެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.