ވިޔަފާރި

މާފުށިން ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އެނދު!


ގެސްޓްހައުސްތައް އަލުން ހުޅުވާލުމާއެކު މިހާތަނަށް މާފުށިން ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އެނދު ނެރެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 30ވަނަ ދުވަހާއި ހަމައަށް ކ.މާފުށިން 1030 އެނދު ފަތުރުވެރިކަމަށްވަނީ ނެރެފައެވެ. މިއާއެކު މާފުށި ވެފައިވަނީ އެއް ރަށަކުން އެންމެ ގިނަ އަދަދަކަށް އެނދު އޮޕަރޭޝަނަށް ގެނެސްފައިވާ ރަށަށެވެ. މާފުށިން ފަތުރުވެރިކަމުގެ 1030 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާއިރު އެރަށުން 26 ގެސްޓުހައުސްއެއް ވަނީ ހުޅުވާލާފައެވެ.

މާފުށި ކައުންސިލުން މައުލޫމާތުދޭގޮތުގައި ގެސްޓުހައުސްތައް އަލުން ހުޅުވާލިފަހުން މިހާތަަނަށް އެރަށަށް ތިން ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

ތަފާސް ހިސާބުތައް ދަކާގޮތުން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައިވަނީ ތޮއްޑޫގައެވެ. އެރަށުން ވަނީ 28 ގެސްޓުހައުސްއެއް އަލުން ހުޅުވާފައެވެ. މިއީ ފަތުރުވެރިކަމުގެ 362 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ފަތުރުވެރިކަމަށް ޙިދުމަތް ދިނުމަށް 536 ތަނެއްވަނީ އަލުން ހުޅުވާފައެވެ. މިއީ ފަތުރުވެރިކަމުގެ 41580 އެނދެވެ.