ޚަބަރު

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ 1 ވަނަ މުޙައްމަދު ސާއީއަށް


ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މުޅި މުބަރާތުން 1 ވަނަ ނ.ހޮޅުދޫ ސާރާމަންޒިލް މުޙައްމަދު ސާއީ މުބާރިކު ހޯދައިފިއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ވާޗުއަލްކޮށް ކުރިޔަށް ގެންދިޔަ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

ޤައުމީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަންއާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީއާއި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ފުރަތަމަ ފަހަރަށް ބޭއްވި ވަރޗުއަލް ޤައުމީ ޤުރުއާން މުބާރާތުގައި 8 އުމުރު ފުރަކުން ބައިވެރިން ވާދަކުރިއެވެ. މުޅި މުބާރާތުގެ ދެ ކެޓަގަރީންވެސް އެއްވަނަ ހޯދީ ނ.ހޮޅުދޫ ސާރާމަންޒިލް މުޙައްމަދު ސާއީ މުބާރިކުއެވެ. ދެވަނަ ހޯދާފައިވަނީ ނ.ހޮޅުދޫ ބަނަފްސާގެ އަކްމަލް އަޖުވަދު ޢަލީއެވެ. މުޅި މުބާރާތުން ދެ ކެޓަގަރީ އެއްކޮށް ތިންވަނަ ހޯދާފައިވަނީ ށ،ފުނަދޫ ހިރިޔާ ޢައިޝަތު ޢިނާން ރަމްޒީއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ކޯވިޑް ޙާލަތާއި ގުޅިގެން ތަޢުލީމީ ގޮތުން ދަރިވަރުންނަށް ގެއްލިގެން އެދިޔައީ ގުނާ ޢަދަދު ނުކުރެވޭނެ ގެއްލުމެއްކަމަށެވެ. އަދި އެކަމުން އަރައިގަނެވޭނީ އެންމެ ގުޅިގެން ހިތްވަރާއެކު މަސައްކަތްކޮށްގެންކަމަށް ނައިބު ރައިސް ވިދާޅުވިއެވެ.

"ކުރިއަށް އޮތީ އާއަހަރުކަމަށްވާއިރު އާއަހަރަށް އަޅުގަނޑުމެންގެ ޢަޒުމްތައް އެބަ ވަރުގަދަކުރަންޖެހޭ. ކޯވިޑް-19އިން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުން ހެޔޮ ބަދަލު މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދަށް އަންނަތަން ފެންނައިރު ތަޢުލީމީ ދައިރާއިން ގެއްލުނުތަން އަނބުރާ ހޯދަން ތިން ހަތަރު ގުނަ އިތުރަށް މަސައްކަތްކުރަން އެބަޖެހޭ." ނާއިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މިފަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ޚާއްސަ މުބާރާތެއްކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރަން ބޭނުންވި ހުރިހާ ބައިވެރިންނަށް މި ފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔަކަން މިނިސްޓަރ ފާގަހަކުރެއްވިއެވެ.

"މިއީވަރަށް ޚަރަދުކުޑަކޮށް ބޭއްވުނު މުބާރާތެއް. ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ މިންވަރާއި އިތުރަށް ދިރިއުޅުމުގެ ކަންކަން ފަސޭހަ ކުރުމަށް އިތުރަށްވެސް އައިޓީ ބޭނުންކުރެވޭނެކަން މިމުބާރާތުން އެނގިގެންދިޔައީ." މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް ޙާލަތުގައިވެސް ފަސްކޮށްނުލާ ޤުރުއާން މުބާރާތް ބޭއްވީ ދިވެހިންގެ ހިތްތަކުގައި ޤުރުއާނަށް އޮތް ލޯބި އިތުރުކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ވަރޗުއަލކޮށް ބޭއްވި މުބާރާތުގައި ބައިވެރިވުމަށް 3055 ފޯމު ހުށައަޅާފައިވެއެވެ. މީގެތެރެއިން ޤުރުއާން ކިޔަވާ ވީޑިއޯ ފޮނުވާފައިވަނީ 2593 ދަރިވަރުންނެވެ، އަދި އޭގެތެރެއިން ފައިނަލަށް ދަތުރުކޮށްފައިވަނީ 343 ދަރިވަރުންނެވެ.

މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވާއިރު މީގެތެރެއިން އެކި ޢުމުރުފުރާއިން އެއްވަނަ ދެވަނަ ތިންވަނަ ވަނީ ހޮވާފައެވެ. އަދި މުޅި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ވެސް ވަނީ ހޮވާފައެވެ. އަތޮޅުތެރޭގައާއި ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް އިނާމު ދިނުމުގެ ކަންކަން ހަމަޖައްސާފައިވަނީ ރަށްރަށު ކައުންސިލްތަކާއި ޤައުމުތަކުގައި ހުރި އެމްބަސީތަކާއި ގުޅިގެނެވެ.