ދުނިޔޭގެ ވިޔަފާރި

ވިލާތުގެ ޤައުމުތަކަށް ޗައިނާގައި ވިޔަފާރިކުރުމުގެ ފުރުސަތު އިތުރުކޮށްދޭ އެއްބަސްވުމެއް ޤާއިމުކޮށްފި


ވިލާތުގެ ޤައުމުތަކަށް ޗައިނާގައި ވިޔަފާރިކުރުމުގެ ފުރުސަތު އިތުރުކޮށްދޭ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މިފަދަ އެއްބަސްވުމަކަށް އައިސްފައި މިވަނީ ޗައިނާއާއި ވިލާތުގެ އިއްތިހާދާއި ދެމެދު 7 އަހަރަށް ދިގުލައިގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.

ޗައިނާގައި ވިލާތުގެ ޤައުމުތަކަށް ވިޔަފާރިކުރުމުގެ ފުރުސަތު އިތުރުކޮށްދޭ އެއްބަސްވުމެއް ޤާއިމުކޮށްފައި މިވަނީ ވިލާތުގެ އިއްތިހާތުގެ ވެރިންނާއި ޗައިނާގެ ރައީސް ޝީ ޖިންގޕިން އެއްބަސްވުމުގެ އެންމެ ފަހުގެ ކަންކަން އެކުލަވާލުމަށް ބޭއްވި އޮންލައިން ބައްދަލުވުމަކަށްފަހުއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ، އެ ޤައުމު ދުނިޔެއަށް ހުޅުވާލަން މިހާރު ތައްޔާރުވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑްގެ ގެއްލުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޗައިނާއިން މިފަދަ ފިޔަވަޅެއް އެޅުމަކީ ބަލިމަޑުކަމުގެ ގެއްލުން ކުޑަކުރުމަށް އެ ޤައުމު އަމާޒު ހިފާފައިވާ މިންވަރު ހާމަކޮށްދޭކަމެއްކަމަށް ޝީ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ބޮޑު ދެ ބާރެއްގެ މެދުގައި ވިޔަފާރީގެ ހަރަކާތްތައް ހަލުވިވެ، ދުނިޔޭގެ އިޤްތިޞާދަށް ފައިދާވާނެކަމަށް ޗައިނާގެ ރައީސް ފާހަގަކުރެއްވިއެވެ.

އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރްސެލާ ވާންޑަލޭން ވަނީ މި އެއްބަސްވުމަކީ ޗައިނާއާއި ވިލާތުގެ އިއްތިހާދުގެ ގުޅުމުގައި ތާރީޚީ އަދި ރަން އަކުރުން ފަވާލެވޭނެފަދަ އެއްބަސްވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި އެއްބަސްވުމުން އިތުރު މިފަދަ އެއްބަސްވުންތަކެއް ޤާއިމުކުރުމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ ޤައުމުތަކަށް ޗައިނާގައި ވިޔަފާރިކުރުމުގެ ފުރުސަތު އިތުރުކޮށްދޭ އެއްބަސްވުމެއް ހުށަހަޅާފައިވަނީ 2013 ވަނަ އަހަރުއެވެ. މި އެއްބަސްވުން ޤާއިމުކުރުމަށް 7 އަހަރު ނަގާފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ވިލާތުގެ ކާރު އުފައްދާ ކުންފުނިތަކާއި، ރިއަލް އެސްޓޭޓް ކުންފުނިތަކާއި، ޓެލެކޮމް ކުންފުނިތަކަށް މިހާރު ޗައިނާގައި އެއްވެސް އުނދަގުލެއް ނެތި އޮޕަރޭޓްކޮށް އިންވެސްޓްމަންޓް އިތުރުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ފައިދާ ކާރު އުފައްދާ ބީއެމްޑަބްލިއުއާއި ފޯނު އުފައްދާ ކުންފުނިތަކަށް ލިބިގެންދާއިރު، ޗައިނާއަށް އެއްބަސްވުމުން މާ ބޮޑު ފައިދާއެއް ނުވާކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެގޮތުން ޗައިނާގެ ވާވޭ ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުމަށް މިކަމުން އެއްވެސް ލުޔެއް ނުލިބޭކަން މިފަރާތްތަކުން ފާހަގަކުރެއެވެ. އެހެންނަމަވެސް، ޗައިނާ ފަދަ އިޤްތިޞާދީ ބޮޑު ބާރަކުން ޤައުމަށް ފައިދާ ނުވާގޮތަށް އެއްބަސްވުމެއް ޤާއިމުނުކުރާކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މި ސަބަބަށްޓަކައި އެއްބަސްވުމުގެ ބޭރުން ވިލާތުގެ އިއްތިހާދުން ޗައިނާއަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށް މި ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ޗައިނާއިން ވިލާތާއެކު އިންވެސްޓްކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައިވާއިރު، އެމެރިކާގެ ކުންފުނިތަކަށް ޗައިނާގައި އިންވެސްޓްކުރުމުގެ ފުރުސަތު ދިނުމަށް ޗައިނާއާއި އެމެރިކާއާ ދެމެދު ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ.