ވިޔަފާރި

"ފްރީ ބޭސިކް" ޚިދުމަތް، އުރީދޫން ރާއްޖެއަށް ތަޢާރަފްކޮށްފި


މަޝްހޫރު ސޯޝަލް ނެޓްވޯކް ކުންފުނި ފޭސްބުކުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަޢާރަފުކުރަމުން އަންނަ "ފްރީބޭސިކް" ޚިދުމަތް، އުރީދޫން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ތަޢާރަފް ކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ހޯމް މިނިސްޓަރު އުމަރު ނަސީރާއި، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހާއި، ފޭސްބުކްގެ ހެޑް އޮފް ގްރޯތު ޕާރޓްނަރޝިޕްސް އެނާ ނިގްރެންއެވެ.ފްރީބޭސިކް ޚިދުމަތަކީ އިންޓަނެޓު ބޭނުންކުރުމުގެ ނަސީބު ލިބިފައިނުވާ ދުނިޔޭގެ ތިންބައިކުޅަ ދެބައި އާބާދީއަށް އަމާޒުކޮށްގެން ފޭސްބުކުން އުފައްދާފައިވާ ޚިދުމަތެކެވެ. މިޚިދުމަތުގެ އެހީގައި ފްރީބޭސިކްގެ އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް އިންޓަނެޓަށް ވަނުމުން ހިލޭ ފޭސްބުކު ބޭނުންކުރެވޭނެ ކަމަށް އުރީދޫން މަޢުލޫމާތުދެއެވެ. މިޚިދުމަތް ތަޢާރަފް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އިންޓަރނެޓްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތަކަށް ވާއިރު އުރީދޫން ރާއްޖެއަށް ތަޢާރަފު މިކުރި ޚިދުމަތަކީ އެފަދަ ސިޔާސަތެއް ތަންފީޒުކުރުމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހް ވިދާޅުވީ ފްރީބޭސިކް ޚިދުމަތަކީ ރާއްޖެފަދަ ޤައުމަކަށް މުހިންމު ހިދުމަތެއްކަމަށެވެ. އެގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ރައްޔިތުން ބާރުވެރި ކުރުވުމަށް މިޚިދުމަތް މުހިންމު ދައުރެއް އަދާކުރާނެކަމަށް ވިދާޅުވިއެވެ.އުރީދޫގެ ކަސްޓަމަރުން މިޚިދުމަތް ހޯދުމަށް "ގޯ" ޖެހުމަށް ފަހު 5444 އަށް މެސެޖެއް ކުރުމުން ހިދުމަތް ހޯދާނެ ގޮތުގެ ތަފްސީލް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. ފްރީ ބޭސިކް މެދުވެރިކޮށް ފޭސްބުކްގެ އިތުރުން އާސަންދައިގެ ވެބްސައިޓާއި އަދިވެސް އެހެން ހިދުމަތްތައް ހިލޭ ލިބޭނެކަމަށް އުރީދޫން މަޢުލޫމާތުދެއެވެ.