ޚަބަރު

ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓް ދިން ގޮތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު


"ހިޔާ" މަޝްރޫޢުގެ 7 ކެޓެގަރީއެއްގެ ވަގުތީ ލިސްޓުގައި ދިރިއުޅުމުގެ ޙާލަތު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، H4, H5, H6, H7, H8, H9 އަދި H10 ކެޓަގަރީއަށެވެ. މި ކެޓެގަރީ ތަކަކީ:

1. H4(ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ) ކެޓަގަރީ
2. H5 (ޓީޗަރުންނަށް ޚާއްސަ) ކެޓަގަރީ
3. H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ
4. H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ
5. H8 (މާލޭ ރަށްވެހިންނަށް ޚާއްސަ) ކެޓަގަރީ
6. H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ
7. H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީ

މި 7 ކެޓަގަރީގެ "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޑް ދީފައިވާ މިންގަނޑު އާއްމުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ފްލެޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރިއިރު، ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓްދީފައިވާގޮތް އާއްމުނުކުރީ، އެ މަޢުލޫމާތު ކުރިން ހާމަކޮށްފިނަމަ އެއީ އެންމެ އިންސާފުވެރިކަމާއިއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެފަދަ ކަމެއްކަމަށް ކޮމިޓީއަށް ފެންނާތީކަމަށް ކޮމިޓީއިންވަނީ މީގެކުރިން ވިދާޅުވެއެވެ. މިފަހަރު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓްދިން ގޮތާމެދުއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ވިދާޅުވީ މި ފުރުޞަތު ހުޅުވާލާފައިވަނީ ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ކަމަށެވެ. އެގޮތުން އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، (30 ޑިސެންބަރު 2020) އިން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޤާއިމްކޮށްފައިވާ ޕޯޓަލް https://hcp.presidency.gov.mv/ މެދުވެރިކޮށެވެ.

ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ، ހުރިހާ ޝަކުވާއެއް ބަލައި ލިއުމުން ޖަވާބުދިނުމަށްފަހުކަމަށް ކޮމިޓީއިންވަނީ ވިދަޅުވެފައެވެ. 2018ވަނަ އަހަރު ނެރެފައިވާ ލިސްޓުތަކުގައި ދިރިއުޅުމުގެ ޙާލަތަށް މާކްސްދީފައިވަނީ ހުށައަޅާފައިވާ މަޢުލޫމާތަށް ބަލައިގެންނެވެ. ނަމަވެސް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ރިވިއުކޮށް އަލުން ނެރެފައިވާ ވަގުތީ ލިސްޓުތަކުގައި މި ބަޔަށް މާކްސް ދީފައިވަނީ ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް ޙަލަތުބެލުމަށް ފަހުއެވެ.