ސިއްހަތު

އައި.ޖީ.އެމް.އެޗުގެ މެޑިކަލް އެކްސޯ ޓީމު އެކުލަވާލައި، ބައެއް ވެރިންނަށް ބަދަލުތަކެއް


އައި.ޖީ.އެމް.އެޗަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޙިދުމަތް ހޯދަމުންދާ ސަރުކާރުގެ މައި ހޮސްޕިޓަލެވެ. އައި.ޖީ.އެމް.އެޗުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމާއި، ދެވޭ ޙިދުމަތްތައް އިތުރުކުރުމަށް މުހިއްމު ފިޔަވަޅުތަކެއްވެސް އަންނަނީ އަޅުއްވަމުންނެވެ.

މި މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގެ މެޑިކަލް އެގްޒެކެޓިވް ކޮމެޓީގެ މެންބަރުން އައްޔަނުކޮށް، ބައެއް ކްލިނިކަލް ޑިޕާޓްމަންޓްތަކުގެ ވެރިންވެސް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަޤާމަށް ސީނިއަރ ކޮންސަލްޓަންޓް އިން އޯތޯޕީޑިކްސް ޑރ. ޔޫސުފް ޝާން ވަނީ އައްޔަނުކުރައްވާފައެވެ. ޑރ. ޝާން މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޑރ. އަލީ ނާޒީމުގެ މަޤާމުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަޤާމުގެ ދައުރަކީ ކުރިން 5 އަހަރެވެ. ނަމަވެސް މިހާރު އެ މަޤާމުގެ މުއްދަތު ކުރުކޮށް، 3 އަހަރަށް ވަނީ ބަދަލުކޮށްފައެވެ. އައި.ޖީ.އެމް.އެޗުން ވިދާޅުވީ، އެ ހޮސްޕިޓަލުގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަސްއޫލިއްޔަތު 1 ޖެނުއަރީ 2021 އިން ފެށިގެން އަދާކުރަމުން ގެންދަވާނީ ޑރ. ޔޫސުފް ޝާންކަމަށެވެ.

7 މެންބަރުންނާއެކު ހިންގަމުންދާ އައި.ޖީ.އެމް.އެޗްގެ މެޑިކަލް އެގްޒެކެޓިވް ކޮމެޓީގެ މެންބަރުންގެ އަދަދުވެސް މިހާރު ވަނީ 11 އަށް ބަދަލުކޮށްފައެވެ. ހަމައެހެންމެ އައި.ޖީ.އެމް.އެޗްގެ ގިނަ ޑިޕާޓްމަންޓްތަކެއްގެ އެޗް.އޯ.ޑީ.ކަން ކުރައްވަމުންދިޔަ ފަރާތްތައް ބަދަލުކޮށް، އެ މަޤާމުތަކަށް އަލުން ވަނީ ބޭފުޅުން ހަމަޖައްސަވާފައެވެ. އެގޮތުން ޖުމްލަ 11 ޑިޕާޓްމަންޓެއްގެ އެޗް.އޯ.ޑީން ބަދަލުކޮށް، އައު ބޭފުޅުން ވަނީ ހަމަޖައްސަވާފައެވެ. އަލަށް އެޗް.އޯ.ޑީންނަށް ހަމަޖެއްސެވި ބޭފުޅުންގެ މަޤާމުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.

އެންމެ ގިނަބަޔަކު ޞިއްޙީ ޙިދުމަތްތައް ހޯދުމަށް ބަރޯސާވާ އައި.ޖީ.އެމް.އެޗުގެ ހިންގުމަށް ގެނެވުނު މި ބަދަލުތަކާއެކު އައި.ޖީ.އެމް.އެޗުން ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޙިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެއްވެސް ރަނގަޅުކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް ޞިއްޙީ ދާއިރާއިން ކިޔަވަމުން އަންނަ ދިވެހިންގެ ޢަދަދު އިތުރުވަމުންދިއުމާއެކު، ދިވެހިންނަށް މި ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދީ، އައު ވިސްނުންތަކާއި ޚިޔާލުތަކަށް ޖާގަދިނުމަކީ އައި.ޖީ.އެމް.އެޗުގެ މެނޭޖްމަންޓުގެ މިހާރުގެ ވަރަށް ބޮޑު ވިސްނުމެކެވެ. އެގޮތުން އެ ހޮސްޕިޓަލުގެ އެޗް.އޯ.ޑީންގެ މަޤާމުތަކުގައި ހުސް ދިވެހިން ތިބުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި، ސިއްހީ ދާއިރާއަކީވެސް ލާމަރުކަޒު ކުރެވިގެން، ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދޭ ދާއިރާއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރުގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމެކެވެ.

އެގޮތުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލު ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ސެންޓަރުތަކުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު މަތިކުރުމަށް އެތަންތަނަށް ބޭނުންވާ އިތުރު ވަޞީލަތްތައް ޤާއިމުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. ހަމައެހެންމެ ރައްޔިތުންނަށް ވީހާވެސް ޚަރަދުކުޑަ، އަދި ފަސޭހަ އިންތިޒާމެއްގެ ތެރެއިން ޞިއްޙީ ފަރުވާ ފާރުވާކޮށްދިނުމަށް އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.