ޚަބަރު

ޖެނެރަލް ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދަޢުވާކޮށްފި


ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި 2017ވަނަ އަހަރުން ފެށިގެން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމްގެ ބައްޕަ ދިރިއުޅުއްވަމުން ދިޔަ މައްސަލައިގަ މޭޖަރ ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މިމައްސަލައިގަ މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމްގެ މައްޗަށް، ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކަމަށެވެ.

މިމައްސަލައިގަ ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މިމައްސަލައަކީ އޭސީސީން ކުރިން ބަލައި ކޮރަޕްޝަނެއް ނެތްކަމަށް ނިންމާފައި އޮތް މައްސަލައެކެވެ. މިމައްސަލަ އަލުން ބެލީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އެދިވަޑައިގަތުމަށެވެ.

މިމައްސަލަ އަލުން ބެއްލެވުމަށްފަހު އޭސީސީން ވިދާޅުވީ، 18 ޖުލައި 2017އިން ފެށިގެން 11 ޑިސެމްބަރ 2018ގެ ނިޔަލަށް، ޖެނަރަލް ޝިޔާމްގެ ބައްޕަ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި ދިރިއުޅެފައިވާކަމަށާއި، އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކުވެސް އެގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވިގޮތުގައި އެކޮމިޝަނުގެ ތަޙުޤީޤަށް އެނގިފައިވާގޮތުގައި އެގޭގައި ޝިޔާމްގެ ބައްޕަ ދިރިއުޅުއްވާފައިވަނީ ޝިޔާމް އަންގަވައިގެންނެވެ. އެހެންނަމަވެސް ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތްކަމަށްވެސް އޭސީސީން މައުލޫމާތު ދެއްވައެވެ.

ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ އިމާރާތެކެވެ. މިގޮތުން ދައުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެތަނުގެ ވަސީލަތްތައް އެ ފަރާތްތަކުގެ އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ގަވާއިދު ހުއްދަކުރާކަމެއް ނޫނެވެ.