ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ގެއްލުން ކުޑަކުރުމަށް ކޮރެއާއިން 8.49 ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް


ކޯވިޑްގެ ގެއްލުން ކުޑަކުރުމަށް 8.49 ބިލިއަން ޑޮލަރުގެ އައު ރިލީފް ޕެކޭޖެއް ދެކުނު ކޮރެއާއިން ފާސްކޮށްފިއެވެ.

މި ޕެކޭޖްގެ ތެރޭގައި ކޯވިޑްގެ ސަބަބުން ގެއްލުންވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ދޭ އެހީތަކާއި، ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ އެހީގެ އިތުރުން ކޯވިޑް ވެކްސިން ގަތުމަށް ވަނީ ބަޖެޓްކޮށްފައެވެ.

އައު ރިލީފް ޕެކޭޖްގެ ދަށުން އެންމެ ބޮޑު ޙަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ކޯވިޑްގެ ސަބަބުން ގެއްލުންވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ފްރީލާންސް މަސައްކަތްތެރިން އަދި ޓެކްސީ ޑްރައިވަރުންނަށް އެހީވުމަށެވެ. އެގޮތުން މި ފަރާތްތަކަށް މަހެއްގެ މައްޗަށް ފޯރުކޮށްދޭ 400 ޑޮލަރު ފޯރުކޮށްދިނުމަށް 5.12 ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އަލުން ނަގާ ކޮޅަށް ޖެހުމަށް ރިސޯޓް އަދި ހޮޓާތައް ހިންގުމަށް އެހީވުމަށް 2.67 ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

އައު ރިލީފް ޕެކޭޖްގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސަރުކާރުގެ އޮފިޝަލަކު ވަނީ ކޯވިޑްގެ ސަބަބުން ޕަބްލިކް ހެލްތު ސިސްޓަމްގެ މުހިންމުކަން ވަރަށް ބޮޑަށް ސަރުކާރަށް ވަޒަން ކުރެވިއްޖެކަން ހާމަކުރައްވާފައެވެ. އެގޮތުން އާންމުންނަށް އަސާސީ ސިއްޙީ ވަސީލަތްތައް ޤާއިމުކުރުމަށް އަންނަ އަހަރު މުހިންމު އިސްކަމެއް ދެއްވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން މިކަމަށް 1.1 ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

ދެކުނު ކޮރެޔާގެ ސަރުކާރުން ވަނީ ޖަނަވަރީ 11 ވަނަ ދުވަހު މި ޕެކޭޖްގެ އެހީ ބަހަން ފަށާނެކަން އިއުލާންކޮށްފައެވެ. މީގެ އިތުރުން އެ ޤައުމުގެ ސަރުކާރުން ދަނީ ކޯވިޑް ވެކްސިން ޕްރޮގްރާމް އަވަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި މަސައްކަތް ހަލުވިކުރުމަށް ވެކްސިން އުފައްދާ އެ ޤައުމުގެ ކުންފުނިތަކަށް 8.5 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، އެހެން ޤައުމުތަކުގެ ވެކްސިން ގަތުމަށްވެސް އެއްބަސްވުން ޤާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޯވިޑްގެ ގެއްލުން ކުޑަކުރުމަށް 8.49 ބިލިއަން ޑޮލަރުގެ އައު ރިލީފް ޕެކޭޖެއް ދެކުނު ކޮރެޔާއިން ފާސްކޮށްފައި މިވަނީ، އެ ޤައުމުގައި ކޯވިޑްގެ ކޭސްތައް އިތުރުވެ، މި ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.