ޚަބަރު

ލޯންޗުކޮޅުގެ ހާދިސާ ޤައުމީ ސަލާމަތު ކޮމިޓީން ބަލަން ފަށައިފި


ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާ ހިނގި ހާދިސާ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓީން ބަލަންފަށައިފިއެވެ. ޤައުމީ ސަލާމަތު ކޮމިޓީ ނުވަތަ ޓޫ ފޯ ވަން ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވާއިރު، އެކޮމިޓީގެ ކުޑަ ކޮމިޓީއެއްވެސް ވަނީ އެމައްސަލަ ބެލުމަށް އެކުލަވާލާފައެވެ. ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ސަބްކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެކޮމީޓީއަށް ފުލުހުންނާއި ސިފައިންގެ އިސް ފަރާތްތަކާއި، އެނޫންވެސް ކަމާ ގުޅުން ހުރި މީހުން ހާޒިރުކޮށްގެން އެމައްސަލަ ބައްލަވަމުން ގެންދަވާކަމަށެވެ. މި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. ނިހާން ވިދާޅުވީ ކޮމިޓީން އެމައްސަލަ ބަލަނީ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއްކޮށް އެކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށް މަޖިލީހުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދިނުމުގެ ބޭނުމުގައިކަމަށެވެ. ޤައުމީ ސަލާމަތު ކޮމިޓީގެ ކުޑަ ކޮމިޓީގައި ހަތް މެމްބަރުން ތިއްބަވައެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މަައުރޫފާއި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއާއި، މަކުނުދޫ ދާއިރާގެ އަނާރާ ނައީމެވެ.