ދިވެހި ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާޙްކޮށް ކޯޓުތަކަކީ ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ މަސައްކަތުގެ ދަށުން އެކަމަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާޙުކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ތެރެއިްނ ފަނޑިޔާރުން ޖަވާބުދާރީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން ފެށިގެންގޮސް ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީންގެ ފަރާތުން ހިނގާފައިވާ ރިޝްވަތުގެ މައްސަލަތަކާއި އެނޫންވެސް އެތައް މައްސަލަތަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާތަނަށް ބަލާފައިވެއެވެ. ޖޭއެސްސީން ވިދާޅުވީ އެކޮމިޝަނުން ބެލި މައްސަލަތަކުގައި ޢާންމުކޮށް ފަނޑިޔާރުން ރިޝްވަތާއި ހަދިޔާ ޤަބޫލުކޮށްފައިވަނީ އަނބި ދަރިންގެ ނަމުގައިކަން އެނގޭކަމަށެވެ.
އަނބިދަރިންގެ ނަމުގައި ވިޔަފާރި ހިންގުން ޢާންމުވެފައިވާއިރު ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ ކޮރަޕްޝަން ހުއްޓުވުމަށް މިހާރު މިވަނީ ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ޤަވާއިދު އިސްލާޙުކޮށް އެޤަވާއިދަށް ޢަމަލުކުރަން ފަށާފައެވެ.
މިއީ ޤާނޫނުއަސާސީގެ 153 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 68ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ ބަޔާން ތައްޔާރުކުރުމާއި ހުށަހެޅުމާއި ހުށަހެޅުމުން އެ ބަޔާނާމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދެވެ.
މި ޤަވާޢިދުގައިވާގޮތުން ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ ބަޔާން ތައްޔާރުކުރަންވާނީ އެއް އަހަރުދުވަހުގެ މުއްދަތަށް، އަހަރަކު އެއްފަހަރުއެވެ.
މިއާއެކު ފަނޑިޔާރެއްގެ މާލީ ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ފަނޑިޔާރަށް ނުވަތަ އަނބިން ނުވަތަ ފިރިންނާއި ދަރީންގެ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަޞްލަޙަތުގެ މަޢުލޫމާތު އަދި ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚަރަދުވި ފައިސާގެ ތަފުސީލާއި ފަނޑިޔާރުގެ އަނބިންނާއި ފިރިންގެ އިތުރުން ދަރީންނަށް ރާއްޖެއާއި ރާއްޖެއިން
ބޭރުގައި ލިބިފައިވާ މުދަލުގެ ތަފުސީލާއި ފަނޑިޔާރަށް ނުވަތަ އެމީހުންގެ އަނބިން ނުވަތަ ފިރިން ނުވަތަ ދަރީންނަށް ލިބިފައިވާ ހަދިޔާ ނުވަތަ އެހީގެ ތަފުސީލު ހާމަކުރަންވާނެއެވެ.
މި ޤަވާޢިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅައިފިނަމަ ނުވަތަ ޤަވާޢިދާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ ސުލޫކީ މައްސަލައެއްގެގޮތުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ހުއްދަ ދީފައިވާ އޮޑިޓަރަކު މެދުވެރިކޮށް ފަނޑިޔާރުންގެ މިލްކިއްޔާތާއި މާލީ ބަޔާންތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްފަހު ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެނަމަ އެފަދަ އިދާރާ ތަކަށް ފޮނުވަންވާނެއެވެ.
އެހެންކަމުން މި ޤަވާއިދުގެ ސަބަބުން ޝަރުޢީ ދާއިރާގައި އެންމެ ނަޒާހަތްތެރިވާންޖެހޭ ފަނޑިޔާރުންނާއި ގުޅޭ މިފަދަ މައްސަލަތައް ބަލައި މޮނިޓަރ ކުރުމުގެ ނިޒާމު ހަރުދަނާވެގެން ދާނެއެވެ.