ޚަބަރު

"ތަޙްގީގު އަވަސްކޮށް އަތުލައިގަނެވޭ މަސްތުވާތަކެތި ނައްތާލުން އަވަސްކުރުމަކީ އަމާޒެއް"


އެކި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލުމަކީ ފުލުހުންގެ އަމާޒެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއަމާޒަށް ވާޞިލްވުމުގެ ގޮތުން ކުރަމުންއަންނަ މަސައްކަތުގައި ފުލުހުންވަނީ ޢާއްމުންނާއި މީޑިއާގެ ކުރިމަތީގައި 203 ކިލޯގެ މަސްތުވާތަކެތި މިއަދު ނައްތައިލާފައެވެ.

ވޭތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތި ނައްތާލުމަށް ކުރިއަށްގެންދިޔަ ޙަރަކާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ ފުލުހުންގެ އެންމެ ބޮޑު އަމާޒަކީ އެކި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި ތަޙުގީގުތައް ވީ އެންމެއަވަހަކަށް ނިންމައި އަތުލައިގަނެވޭ ތަކެތި ނައްތާލުންކަމަށެވެ.

"ވީހާވެސް އަވަހަކަށް މަސްތުވާތަކެތި ނައްތާލުމަށް ސީޕީގެ އިރުޝާދުގެ ދަށުން މިހާރު މަސައްކަތް މިކުރަނީ. އެގޮތުން އެއްމަސް، ދެމަސްތެރޭ ގިނަވެގެން އަތުލައިގަނެވޭ ތަކެތި ނައްތާލުން އަމާޒަކީ." ޝާކިރު ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރުމަހާއި އޮކްޓޯބަރު މަހުގައި އައްޑޫ ސިޓީއާއި ހުޅުމާލޭ ފަޅުތެރެއިން އަދި ބަންގްލަދޭޝުން ރާއްޖެއަށް އެތެރެވި މީހެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތިވަނީ ނައްތާލާފައެވެ. މިމަސްތުވާތަކެތީގެ ބަރުދަނުގައި 203 ކިލޯ ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ މަގުމަތީ އަގު 203 މިލިއަނަށްވުރެ މައްޗަށް އަރާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތްތަކަށް އަންނަ އަހަރުންފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށެވެ.

"މަސްތުވާތަކެތި އަންދާލުމުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހިގޮތަކަށް މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށްވަނީ ނިންމާފައި." ޝާކިރު ވިދާޅުވިއެވެ.

ވީހާވެސް ދެފުށްފެންނަ ގޮތަކަށް މަސްތުވާތަކެތި ނައްތާލުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުންވަނީ މިފަހަރުގެ އޮޕަރޭޝަންގައި މީޑިއާއާއި ޢާއްމުނަށްވެސް އޮބްޒާވަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތުދެއްވާފައެވެ.

ސެޕްޓެމްބަރު މަހާއި އޮކްޓޯބަރުމަހު އަތުލައިގަތް މަސްތުވާތަކެތީގެ ތަޙްގީގު މަރުޙަލާ ނިންމައި ޕީޖީއަށް ފޮނުވާފައިވާއިރު މިމައްސަލަތައް މިހަރު ވަނީކޯޓުތަކުގެ މަރުޙަލާގައެވެ. ފުލުހުންވަނީ ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ، ބޮޑު 7 ނެޓްވޯކާ ގުޅުންހުރި އޮޕަރޭޝަންތަކެއް މިއަހަރު ތެރޭގައި ކުރިއަށް ގެންގޮސްފައެވެ.