ކުޅިވަރު

ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ރޮނާލްޑޯ


ދުބާއީ ގްލޯބް ސޮކާ އެވޯޑްސް އިން ހޮވާ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

މިއީ 2001 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ވަކި ކުޅުންތެރިއެއްގެ ގޮތުގައި އާއި އެ ކުޅުންތެރިއަކު ކުޅޭ ޓީމަކަށް އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިއާއަށް ދެވޭ ޝަރަފުވެރި އެވޯޑެކެވެ. ރޮނާލްޑޯ މި އެވޯޑް ހޯދީ ވާދަވެރި ބާސާ އަދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. ރޮނާލްޑޯއަށް

މި އެވޯޑް ލިބިފައިވަނީ ދުބާއީގެ ބުރުޖު ހަލީފާގައި އިންނަ އަރްމާނީ ހޮޓެލްސްގައި ބޭއްވުނު ދުބާއި ގޮލޯބަލް ސޮކާ އެވޯޑްސް 2020 ހަފްލާގައެވެ. މި ހަފްލާގައި އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ފާއިތުވި ސީޒަނުގެ ފީފާގެ ދަ ބެސްޓް ޕްލެއަރ އެވޯޑް ހޯދި ބަޔާން އަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޮސްކީއަށެވެ. މި އެވޯޑް ލެވަންޑޮސްކީ ހާސިލް ކުރީ ރޮނާލްޑޯ އާއި މެސީގެ މައްޗަށް ކުރި ހޯދައިގެން. ގަރުނުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މެންޗަސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއެވެ. ގަރުނުގެ އެންމެ މޮޅު އެޖެންޓަކަށް ހޮވިފައިވަނީ ރޮނާލްޑޯގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ޖޯޖް މެންޑޭޒްއެވެ. އަހަރުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. އަދި ސްޕެއިންގެ ކުރީގެ ގައުމީ ކީޕަރު އިކަރ ކަސިޔަސް އާއި އެޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ ކެރިއަރ އެވޯޑް ހާސިލްކޮށްފައެވެ.