ކުޅިވަރު

އަނިޔާގެ ސަބަބުން މިރޭ މެޗުގައި މެސީ ނުފެންނާނެ



ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ސްޕެނިޝް ލީގުގައި އެއިބާ އާއި ދެކޮޅަށް މިރޭ ބާސެލޯނާ ކުޅޭ އަހަރުގެ ފަހު މެޗުގައި ކެޕްޓަން ލިއޮނަލް މެސީއަށް ނުކުޅެވޭނެކަމަށް އެ ކުލަބުން ބުނެފިއެވެ.

މެސީގެ ކަނާއަތު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ބާސެލޯނާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެސީއަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫންކަމަށެވެ. ނަމަވެސް ބަލަންޖެހޭ އިތުރު ކަންކަން ހުރުމުން، އެ އަނިޔާ އެއްކޮށް ރަނގަޅު ނުވާތީ މިރޭ ކުޅޭ މެޗުގައި މެސީއަށް ނުކުޅެވޭނެ ކަމަށް ބާޔާނުގައި ވެއެވެ.

މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ. އެއާއެކު ބާސާގެ މެޑިކަލް ޓީމުން ދަނީ މެސީއަށް ލިބުނު އަނިޔާ އިތުރަށް ބަލަމުންނެވެ. މިހާތަނަށް ބެލި ބެލުމުން އެންމެ އަވަހަށް ވެސް މެސީއަށް ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު ހުއެސްކާ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގައެވެ. ލީގުގައި މިހާތަނަށް ބާސާ ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ 7 މެޗުންނެވެ. މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ފަސްވަނައިގައެވެ.