ތ.އަތޮޅާ ލ.އަތޮޅާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ފެށި މި ޚިދުމަތުގެ ދަށުން މިއަދު ޝެޑިއުލް ދަތުރައް ފަށާނެއެވެ.
ތ.އަތޮޅާއި ލ.އަތޮޅާއި ދެމެދު ކުރާ ފެރީ ދަތުރުތައް 3 ރަށަކަށް ބާއްވާނެއެވެ. ލޯންޗް ފެރީގެ ދަތުރުތައް ބާއްވާ ރޫޓުގައި ހިމެނޭ ރަށްތަކަކީ ތ.ވޭމަންޑޫ އާއި ތ.ތިމަރަފުށްޓާއި ލ.ގަމެވެ.
ތ.ވޭމަންޑުއިން ތިމަރަފުއްޓާއި ދެމެދު ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 75 ރުފިޔާކަމަށް އެމްޓީސީން މަޢުލޫމާތުދެއެވެ. އަދި ތ.ވޭމަންޑުއާއި ތ.ތިމަރަފުށިން، ލ.ގަމަށް ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަދަކީ 250 ރުފިޔާއެވެ. ނަމަވެސް ދެކޮޅަށް ދަތުރުކުރާ މީހުންގެ އަތުން ނަގާނީ 400 ރުފިޔާކަމަށް އެމްޓީސީން މަޢުލޫމާތުދެއެވެ.
މިރަށްތަކުގެ މެދުގައި ބާއްވާ ލޯންޗު ފެރީގެ ޚިދުމަތް ހަފްތާއަކު 4 ދުވަހު ބާއްވާނެއެވެ. އެއީ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތިދުވަހުއެވެ.
މި ޚިދުމަތަކީ ލ.ގަމު ދާއިރާއާއި، ލ.ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ބޮޑު އެއްބާރުލެއްވުމާއެކު ފެށި ޚިދުމަތެއްކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މިފަދަ ޚިދުމަތެއް އަތޮޅުތަކުގައި ފެށުމާ ގުޅިގެން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަޙުލާވަނީ ތ.އަތޮޅާއި، ލ.އަތޮޅު ރަނގަޅު ފެރީގެ ނިޒާމަކުން ގުޅާލުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ލުއިފަސޭހައެއް ކަމަށް ވިދާޅުވެފައެވެ. ލޯންޗް ފެރީގެ މިޚިދުމަތް ފެށުމާ ގުޅިގެން މިނިސްޓަރ ނަހުލާވަނީ އެމްޓީސީއާއި ދާއިރާގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ތ އަދި ލ އަތޮޅުގެ ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ އެ ދެ އަތޮޅުގެ ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް.
— Aishath Nahula (@aishath_nahula) December 28, 2020
1/2 pic.twitter.com/rPVK8kCCDV
މި ޚިދުމަތަކީ ދެ އަތޮޅުގެ ދެމެދުގައި ގިނަ ދަތުރުތަކެއް ކުރަމުންދާތީ، އެކަމަށް ރައްޔިތުން އަތުން ކުރާ ހޭދަ ކުޑަކުރުމަށް ފެށި ޚިދުމަތެކެވެ. މިހާރު ދަތުރުތައް ބާއްވަނީ އަތުން ބޮޑު ޚަރަދެއްކޮށްގެން ލޯންޗު ކުއްޔަށް ހިފައިގެންނެވެ.
ލ.އަތޮޅު ގަމަކީ، ސަރަޙައްދީ ހޮސްޕިޓަލް ހުންނަ ރަށަށްވާތީ، އެރަށަށް އެންމެ ގިނަ ބަޔަކު ދަތުރުކުރަނީ ސިއްޙީ ޚިދުމަތް ހޯދުމަށެވެ. ޚާއްސަކޮށް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ އައުމަށް ދަތިވާތީ، ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ބޮޑުތަނުންވަނީ އިތުރުވެފައެވެ.
ތ.އަތޮޅާއި ލ.އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ލޯންޗް ފެރީގެ ޚިދުމަތް އެމްޓީސީސީންދަނީ ދެމުންނެވެ.