ވިޔަފާރި

މޯލްޑިވްސް ބޯޑަރ މައިލްސް - އަންނަ ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިންނަށް ޕޮއިންޓްދޭން ފަށަނީ


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް މެދުވެރިކޮށް އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕޮއިންޓްދޭން ފަށާނެކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން ތަފާތު އިނާޔަތްތައް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މޯލްޑިވްސް އިމިޤްރޭޝަނުން އިސްނަގައިގެން ތަޢާރަފްކޮށްފައިވާ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ބޭނުމަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް އެއްފަހަރަށްވުރެ ގިނަފަހަރު ފަތުރުވެރިން ރާއްޖެ އައުމަށް ބާރުއެޅުމެވެ.
އިމިޤްރޭޝަނުން ވިދާޅުވީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޕްރޮގުރާމް ތަންފީޒްކުރަން ފަށައި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕޮއިންޓް ދެމުންދާނެކަމަށެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ. މި ޕްރޮގުރާމްގައި ޕޮއިންޓް ލިބޭ ގޮތައް ބަލާއިރު:

  • ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ކޮންމެ ފަހަރަކު 50 ޕޮއިންޓް
  • ހަނީމޫން ހޭދަކުރަން 30 ޕޮއިންޓް
  • ވެޑިން އެނިވަރސަރީ ފާހަގަކުރަން 30 ޕޮއިންޓް
  • އުފަންދުވަސް ފާހަގަކުރަން 30 ޕޮއިންޓް
  • ދިވެހި ސަޤާފީ ދުވަސްތައް ފާހަގަކުރަން 10 ޕޮއިންޓް
  • ސީޒަންތަކުގައި ދަތުރުކުރާނަމަ 20 ޕޮއިންޓް
  • ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް 5 ޕޮއިންޓް
  • މި ޕްރޮގުރާމްގައި ބައިވެރިވެފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ފޯރުކޮށްދޭ ތަފާތު ޙިދުމަތްތައް ބޭނުންކުރާނަމަ 5 ޕޮއިންޓް

އިމިޤްރޭޝަނުން އަންދާޒާ ކުރާގޮތުގައި އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިއަކަށް އައިދައާއި ހިސާބަށް ދެވޭނީ 3 ނުވަތަ 4 ދަތުރުންކަމަށެވެ. އަނަންތަރައަށް ދިއުމަށް 15 ނުވަތަ 17 ދަތުރު ރާއްޖެ ކުރަންޖެހޭއިރު ބޯޑަރ މައިލްސްގެ އެންމެ މަތީ ހަރުފަތްކަމަށްވާ އަބާރަނައަށް ދިއުމަށް ގާތްގަނޑަކަށް 30 ނުވަތަ 32 ދަތުރު ރާއްޖެއަށް ކުރަން ޖެހޭނެކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އައިދައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެންކަމަށެވެ. އަންތަރާ އަށް ދިއުމަށް 2000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަންޖެހޭނީ 4000 ޕޮއިންޓެވެ. އަނަންތަރަ އަދި އަބާރަނަ އަށް އާދެވުމުން ފަތުރުވެރިންނަށް އިމިޤްރޭޝަންގެ ކައުންޓަރުތަކުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު އިމިޤްރޭޝަން ކްލިއަރެންސް ހެދޭނެއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތަކަކަށް މިހާރު ވަނީ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިހާރުވެސް ބައެއް ފެސިލިޓީތަކުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށް އިމިޤްރޭޝަނުން ވިދާޅުވެއެވެ. އެހެން ލޯޔަލްޓީ ޕްރޮގްރާމްތަކާއި ޙިލާފަށް މި ޕްރޮގުރާމްގެ މެންބަރަކަށްވެ، ގިންތިތަކަށް ވާސިލްވުމުން ރާއްޖޭގެ ގިނަ ފެސިލިޓީތަކުން ޙާއްސަ އިނާޔަތްތަކެއް ލިބުމަކީ މި ޕްރޮގްރާމްގެ އެންމެ ޙާއްސަ އެއްކަމެވެ.

މި ޕްރޮގުރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފްކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

މިހާރުވެސް ރާއްޖެއަކީ ގިނަ އަދަދަކަށް ރިޕީޑެޓް ނުވަތަ އެއްފަހަރަށްވުރެ ގިނަ ފަހަރު ފަތުރުވެރިން ޒިޔާރަތްކުރާއިރު ބޯޑަރ މައިލްސް ޕްރޮގްރާމްއާއެކު އަދި އެއްފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމަށް އެހީތެރިވެދޭނެއެވެ.