މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދު 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.
2015 ވަނައަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަދުވަހު އުމުރުން ތިން އަހަރުގެ މައުސޫމް އިބްތިހާލު މި ދުނިޔެއާއި ވަކިވެގެން ދިޔައީ އެނާގެ މަންމަ އާފިޔާ މުހައްމަދު ދިން އަނިޔާތަކުގެ ސަބަބުންނެވެ.
އިބްތިހާލުގެ މަރާއި ގުޅިގެން އޭނާގެ މަންމަ ހައްޔަރުކުރުމުން އޭނާ ވަނީ ދަރިފުޅު މަރާލިކަމަށް ކޯޓުގައި އެއްބަސްވެ އިބްތިހާލަށް ކުރި އަނިޔާތައް ވަރަށް ތަފްސީލުކޮށް ކިޔާދީފައެވެ. އެގޮތުން އެކުއްޖާގެ ކުރިމަތި ފަރާތާއި ބޮލާއި ބަނޑަށް އެކިވެރިގެ އަނިޔާތައް ދިނެވެ. ޖެހިލެއް ބާރުކަމުން އެ ކުއްޖާގެ މޭގެ ކަށިގަނޑެއް ބިންދާލިއެވެ. މައުސޫމް ތުއްތު ކުއްޖާ މަރާލީ ކަރުގައި ހިފާ ނޭވާ ހާސްކޮށްލައިގެންނެވެ.
މި މައްސަލާގައި އާފިޔާގެ މައްޗަށް ދައުލަތުން ވަނީ 2 ދައުވާއެއް އުފުލާފައެވެ. އެނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާއާއި އަމުރަށް ނުކިޔަންމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާ ނިންމާ ކްރިމިނަލްކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އިބްތިހާލުގެ ބައްޕަ ކަށަވަރު ނުވާތީ އެކުއްޖާ ދެކެ އޭނާ ރުޅި އައިސް އަނިޔާކުރާކަން އާފިޔާގެ ބަހުންނާއި ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ. ޖެނުއަރީމަހުގެ 28 ވަނަދުވަހު އާފިޔާ ނިދާ ހޭލީ އިބްތިހާލު މަރާލަން ނިޔަތް ގަނެގެންކަމަށެވެ. އަދި އެ ކުއްޖާ މަރާލީ އެކުއްޖާގެ ކަރުގައި ހިފާ ހާސްކޮށްލައިގެންކަމަށާއި އެ ކުއްޖާގެ ކަރުން އާފިޔާގެ އިނގިިލީގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ،
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ދަރިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުންކަމަށާއި ދަރިން މަރައިގެން އެ ކުދިންގެ މައިން ބަފައިންގެ މައްޗަށް ގިސާސް މަރަށް މަރު ނުހިފޭނެކަން އިސްލާމީ ޝަރީއަތާއި ޖުމްހޫރު ގިނަ އިލްމުވެރިން އެއްބަސްވެފައިވާކަމަށެވެ. އިބްތިހާލުގެ ޝަރުއީ ބައްޕައެއް ނެތް ނަމަވެސް އެ ކުއްޖާގެ ނަސަބަކީ މަންމަ އާފިޔާ ކަމުން އޭނާގެ މައްޗަށް މަރަށް މަރު ނުހިފޭނެކަންވެސް ކޯޓުގެ ހުކުމްގައިވެއެވެ. އިބްތިހާލުގެ ބައްޕަ ނެތުމުން މީހުންގެ މަލާމާތް ލިބޭތީ އެކަމާއި ރުޅި އައިސްގެން އިބްތިހާލު މަރާލިނަމަވެސް އެ މައުސޫމް ކުއްޖަކީ މަރު ހައްޤުވެފައިވާ ކުއްޖެއް ނޫންކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި މަރުގެ ދިޔަ ހިފަން ބަލާއިރު މަރުގެ ދިޔަ ހިފަންޖެހޭ ހާލަތެއް ނެތްކަންވެސް ކްރިމިނަލްކޯޓުގެ ހުކުމްގައިވެއެވެ. ސަބަބަކީ މަރުގެ ދިޔަ ހައްޤުވާ ތިބީ ތުއްތު ކުދިނާއި އެ ކުދިންގެ މަންމަކަށާއި މި މައްސަލާގައި ދައުވާ ލިބޭ ފަރާތްތަކީ ކުއްޖާގެ މަންމަކަމަށްވެސް މި ހުކުމްގައިވެއެވެ.
މި މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އާފިޔާއަށް އެނާގެ ކުޑައިރުންސުރެ ފެށިގެން އެކިވަރުގެ އަނިޔާތައް ލިބި އަޅުން ގެންގުޅޭގޮތަށް ގެންގުޅެފައިވާކަމަށް އާފިޔާގެ ބަސްތަކުން އެނގޭކަމަށެވެ. އަދި އެނާއަށް އައިލާގެ ތެރެއިންނާއި އެހެންމީހުންގެ ފަރާތުންވެސް ޖިންސީ އެކި އަނިޔާތައް ލިބިފައިވާކަމަށާއި އެކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކާއި ކުރިމަތިލާންޖެހުނުކަމަށެވެ. އެހެންނަމަވެސް އޭއީ އޭގެ ބަދަލުގައި އޭނާގެ ކުދިންނަށް އަނިޔާކޮށް މަރަން ޖެހޭ ސަބަބެއް ނޫންކަންވެސް ކޯޓުގެ ހުކުމްގައިވެއެވެ.
މި މައްސަލާގައި އަދަބާއި މެދު ގޮތެއް ކަނޑައެޅުމަށް ދިން ފުރުސަތުގައި ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގައި އަސާސީ އަދަބަކީ ދިހަ އަހަރަށް ޖަލަށްލުންކަމަށެވެ. އެހެންނަމަވެސް މިހާރު އަމަލުކުރަމުން އަންނަ އުސޫލުންވެސް އަބަދު ދަރަޖަ ދަށްކުރެވޭނެކަމަށް ގަބޫލުނުކުރާކަމަށާއި މި މައްސަލައިގެ ގޮތުން އަދަބުގެ ދަރަޖަ މަތިކުރެވޭނެކަމަށެވެ. މިގޮތުން މީ އެންގި ހުރެ މީހަކު މެރުމުގެ ކުށަކަށް ވުމާއި މީ ގަސްތުގައި ކުޑަކުއްޖަކަށް ގެއްލުންދިނުމުގެ މައްސަލައެއްކަމަށެވެ. އަދި އާފިޔާ އިބްތިހާލަށް އަނިޔާކުރީ ހިތުގައި އޮތް ރުޅިވެރިކަމެއް ސަބަބުން މަރާލުމުގެ ނިޔަތުގައި ކަން އެނގޭކަމަށެވެ. އެހެންކަމުން ދައުލަތުން އެދިފައިވަނީ މި މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
އެހެންނަމަވެސް އާފިޔާގެ ފަރާތުން އެދުނީ އާފިޔާ ކުށަށް އިއުތިރާފްވުމުން އަދަބުގެ އެއް ދަރަޖަށް ކުޑަކުރަންޖެހޭކަމަށެވެ.
މި މައްސަލާގައި ކޯޓުން އުއްވި ހުކުގައި ބުނެފައިވަނީ އިބްތިހާލަކީ އާފިޔާގެ އުފަން ދަރިއަކަށްވާއިރު އޭނާގެ މައްޗަށް ކުށުގެ އަދަބު ދަރަޖަ މަތިކުރަންޖެހޭކަމަށެވެ. ސަބަބަކީ އާފިޔާއަކީ އެ ކުއްޖާގެ ޤާނޫނީ ޒިންމާ ނަގަން ހުރި މީހާކަމާއި އެ ކުއްޖާ މަރުވީ އާފިޔާ އަނިޔާކޮށްގެންކަން ވަރަށް ފާޅުކަން ބޮޑުކޮށްކަން އެނގޭކަމަށެވެ.
އެހެންކަމުން މި މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް ކޯޓުންވަނީ އިއްވާފައެވެ. އަދި ކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށްވެސް ވަނީ ހުކުމްކޮށްފައެވެ. މައްސަލަ ނިންމާލަމުން ގާޒީ ވަނީ ކުށަށް ތައުބާވެ އެފަދަ ކުށެއް ނުކުކުރުމަށް އާފިޔާއަށް ނަސޭހަތްތެރިވެޑައިގެންފައެވެ.
އިބްތިހާލުގައި މަރާއި ގުޅިގެން އޭނާގެ މަންމަ ހައްޔަރުކުރީ އޭގެ އއްދުވަސްފަހުން ޖެނުއަރީ މަހުގެ 29ވަނަ ދުވަހުއެވެ. ޝަރީއަތް ނިމެންދެން އާފިޔާ ބަންދުކުރުމަށް ކޯޓުން ކުރި އަމުރާއި އެކު އެނާ ބަންދުގައި ހުންނަތާ މީހާރު މިވަނީ 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިއެވެ.